ރާއްޖޭގައި ޓީޗަރުން މަދުވުމުގެ މައްސަލައަށް އޭނާގެ ވެރިކަމެއްގައި އިސްކަންދެއްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ޓީޗަރުންގެ ދުވަހާ ގުޅިގެން ނެރުއްވި ބަޔާނެއްގައި މުއިއްޒު ވިދާޅުވީ، ރާއްޖޭގެ ޓީޗަރުންނަށް ބޭނުންވާ ދެ ކަމެއް އެބަ އޮތް ކަމަށާއި އެއީ ޓީޗަރުންގެ އަދަދު މަދުވުމާއި ކިޔަވައި ނިމިގެން ނުކުންނަ ކުދިންގެ ކިބައިގައި ގައުމަށް ބޭނުންވާ ގާބިލުކަން ހުރޭތޯ ބައެއް ފަރާތްތަކުން އުފައްދާ ސުވާލު ކަމަށެވެ. އެ ދެ މައްސަލައަށްވެސް އޭނާ އުފައްދާ ސަރުކާރުން ވަރަށް އިސްކަންދޭނެ ކަމަށް ވިދާޅުވިއެވެ.
މުއިއްޒު ވިދާޅުވީ، 21 ވަނަ ގަރުނުގެ ދަރިވަރުންނަކީ ހުޝިޔާރު، ގާބިލު، އުޅުންތެރި، އިޖުތިމާއީ މިންގަނޑުތަކަށް ކަމޭހިތާ، އުފަން ބިމަށް ލޯބިކުރުމުގެ ސިފަތައް ހުންނަ ކުދިންކަމުގައި ވާންޖެހޭ ކަމަށާއި އެކަންކަން އަށަގަންނާނެ މަންހަޖެއް އެކުލަވާލާނެ ކަމަށެވެ.
އަދި ކަމާ ގުޅޭ އިތުރު ހަރުދަނާ ފިޔަވަޅުތައް އަޅައި ޓީޗަރުން ތާޒާކޮށް، ޓީޗަރުންގެ ދުޅެހެޔޮކަމަށް ހާއްސަ އިސްކަމެއްދީ، ޓީޗަރުންގެ މަސައްކަތުގެ ވަގުތުތަކާއި ޒާތީ ދިރިއުޅުން ހަމަހަމަކުރުމަށް ފަހިވާނެހެން ސިޔާސަތުތައް ފަރުމާކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މުއިއްޒު ވަނީ ޓީޗަރުން ކުރާ މިންނެތް މަސައްކަތުގެ ހައިބަތު ނެގެހެއްޓުމަށް ފަހިވާނެހެން ޓީޗަރުންގެ އިދާރީ އޮނިގަނޑު ބައްޓަންކޮށް، މުޖުތަމައުގައި ޓީޗަރުންގެ ގަދަރާއި ޝަރަފު މަތިވެރިކުރާނެ ކަމަށްވެސް ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު