ރާއްޖޭގެ ސިޔާދަތީ މިނިވަން ކަަމަށް އިންޑިއާއިން ފުރިހަމައަށް އިހުތިރާމްކުރާނެ ކަމަށް އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނު މަހާވަރް ވިދާޅުވެއްޖެއެވެ.
އިންޑިއާ ސަފީރު، މުނު މަހާވަރް އެގޮތަށް ވިދާޅުވީ އިންތީހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް މިއަދު ކުރެއްވި އިހުތިރާމުގެ ޒިޔާރަތުގައެވެ.
މުއިއްޒުގެ ގެކޮޅު، މ. ދިމްޔާތުގައި ހިންގާ އިންތިހާބީ ރައީސްގެ އޮފީހުގައި އޮތް މި ބައްދަލުކުރެއްވުމުގައި، އިންތިހާބީ ރައީސް ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ދައުރުގައި އިންޑިއާއެކު އޮންނަ ގުޅުން ސިޔާދަތީ އިހުތިރާމުގެ އަސާސްތަކުގެ މައްޗަށް އިއާދަކޮށް، ޒަމާނުއްސުރެ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ހާއްސަ ގުޅުން ހަރުދަނާކޮށް އިތުރު އާ ހަރުފަތަކަށް ގެންދިއުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ.
ޑރ. މުއިއްޒު ވަނީ، ރާއްޖޭގެ ސިޔާދަތީ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް، ދިވެހި ރައްޔިތުން ނިންމެވި ނިންމެވުން ތަކުރާރުކުރައްވައި، އެ ކަންކަމަށް އިންޑިއާއިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އޮތް ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން، ހިގަމުންމިދާ ސަރުކާރުން، އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެ ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ، ރާއްޖޭގެ ސިޔާދަތީ މުސަތަގިއްލުކަމަށް އެގައުމުން ފުރިހަމައަށް އިހުތިރާމުރާނެކަމުގެ ޔަގީންކަން ދެއްވަވައި، އެގައުމުން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ފަހި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް މަޝްވަރާކުރުމަށް ތައްޔާރަށް ތިއްބެވި ކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ގައުމުން ގުޅިގެން ކުރެވެން ހުރި މަސައްކަތްތަކާއި ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންވެސް އޭނާ ދެއްވިއެވެ.
އިންތިހާބީ ރައީސް، ޑރ. މުއިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމުގައި ރާއްޖޭގައި ތިބިކަމަށް ބުނާ ބޭރުގެ ސިފައިން، ހާއްސަކޮށް އިންޑިއާގެ ސިފައިން ފޮނުވާލާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު