'ޗަންދްރަޔާން-3 ގެ މިޝަންގައި ހަނދުގައި ހަރަކާތްތެރިވާ އުޅަނދު ''ޕްރަގްޔާން''ގެ ސިގްނަލް ކެނޑިއްޖެކަމަށް އިންޑިއާއިން ބުނެފިއެވެ.

އިންޑިއާގެ މައި ޖައްވީ އިދާރާ، އިންޑިއަން ސްޕޭސް އެޖެންސީ(އިސްރޯ) އިން ވަނީ ހަނދުގައިވާ އެ އެޖެންސީގެ ދެ އުޅަނދުންވެސް ހިލަމެއް ނުވާކަމަށް ބުނެފައެވެ.

އިސްރޯއިން ވަނީ ހުކުރު ދުވަހުން ފެށިގެން ހަނދުގެ ދެކުނު ތަނޑިއަށް އިރުގެ އަލި ލިބޭނެ ކަމަށާއި އެއާއިއެކު ހަނދުގައިވާ ދެ އުޅަނދުގައި ހުންނަ ސޯލާ ޕެނަލްގެ އެހީގައި އޭގެ ބެޓަރީތައް ޗާޖުވެ މަސައްކަތް ކުރާވަރަށް ޗާޖު ހުންނާނެ ކަމަށް ބުނެފައެވެ.

އިސްރޯއިން މިހާތަނަށް ކުރި މަސައްކަތުން އަދި އެއްވެސް އުޅަނދެއްގެ ސިގްނަލް ދުނިޔެއަށް ލިބޭވަރެއް ނުވެއެވެ.

އިސްރޯއިން ވަނީ ހަނދުގައި ހަރަކާތްތެރިވާ އުޅަނދު ''ޕްރަގްޔާން''ގެ މަސައްކަތް ނިމުމުން އެ އުޅަނދު ''ސްލީޕް މޯޑް"އަށް ގޮސްފައިވާ ކަމަށް ބުނެފައެވެ. އަދި އަލުން އިތުރު ދިރާސާތަކެއް ކުރުމަށް އުޅަނދު ހޭލެއްވުމުގެ މަސައްކަތް އިސްރޯއިން ވަނީ ފަށާފައެވެ.

ހަނދުގެ ދެކުނު ތަނޑިއަށް މި އުޅަނދު ތިރި ކުރުމާއެކު އިންޑިއާ ވެގެން ދިޔައީ ހަނދުގެ އެ ސަރަހައްދަށް އުޅަނދެއް ތިރިކުރި ފުރަތަމަ ގައުމަށެވެ.