ޓެސްލާއިން އިންޑިއާގައި ބެޓަރި އުފައްދާ ފެކްޓްރީ އެއް ގާއިމްކުރަން ނިންމައިފިއެވެ.

ޓެސްލާއިން ވަނީ އިންޑިއާގެ ސަރުކާރުން އެކަމުގައި ހޯދަން ޖެހޭ ހުއްދަތައް ހޯދުމަށް ހުށަހަޅައިފައެވެ. އޮފިޝަލުން ވަނީ ޓެސްލާގެ ވެރިޔާ އެލަން މަސްކުގެ އަމާޒަކީ ވީހާވެސް އަވަހަށް އިންޑިއާއަށް އޭނާގެ ވިޔަފާރި ފުޅާކުރުން ކަމަށް ބުނެފައެވެ.

ޓެސްލާއިން މިހާރުވެސް ދަނީ އިންޑިއާގައި އެކުންފުނީގެ ކާރު އުފެއްދުމަށް ފެކްޓްރީއެއް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުންނެވެ. ޓެސްލާއިން ވަނީ އެފެކްޓްރީ ހުޅުވުމާއެކު ޓެސްލާގެ ކާރެއްގެ އަގު އިންޑިއާގައި ހުންނާނީ 24،000 ޑޮލަރަށް ކަމަށް ބުނެފައެވެ.

އިންޑިއާ ސަރުކާރުގެ އިސްފަރާތްތަކާއި ޓެސްލާގެ އިސްފަރާތްތަކުން އިންޑިއާގައި ޓެސްލާގެ ވިޔަފާރި ކުރުމަށް ހުރި ފުރުސަތުތަކާއި އެކަމުގެ ސަބަބުން އިންޑިއާއަށް ލިބޭނެ ފައިދާއާ މެދު މަޝްވަރާ ކުރުމަށް ވަނީ މީޓިންތަކެއް ބާއްވައިފައެވެ.

އިންޑިއާއިން ވަނީ ތިމާވެއްޓަށް ލިބެމުންދާ ގެއްލުން ކުޑަކުރުމަށް ގިނަ ފިޔަވަޅުތަކެއް ރާވައިފައެވެ.

އިންޑިއާގައި މިހާރު ތިމާވެއްޓާ ރައްޓެހި ގޮތުގައި ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ޕްލާންޓުތަކުން އުފައްދާ 186 ގިގަވޮޓް އިތުރުކޮށް 2030 ވަނަ އަހަރާ ޖެހޭއިރު އިންޑިއާއިން ތިމާވެއްޓާ ރައްޓެހި ގޮތުގައި 500 ގިގަ ވޮޓް އުފެއްދުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.