ކ. ކުޑަގިރި ޕިކްނިކް އައިލެންޑަށް ދަތުރު ގޮސް އުޅެނިކޮށް، ސްލައިޑަކުން ވެއްޓި އަނިޔާވި ޒުވާނަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވީ، ހ. ޕޯޓްސައިޑް، އުމަރު އަބްދުލްހަންނާނު (34އ) އެވެ.

އުމަރަށް އަނިޔާވެފައިވަނީ ކުޑަގިރީގެ މޫދުގައި އުސްކޮށް ހަދާފައި ހުންނަ ވޯޓާ ސްލައިޑަކުން ވެއްޓިގެން މިދިޔަ ހުކުރު ދުވަހުއެވެ. އެ އަނިޔާތަކަށް އޭޑީކޭގައި ފަރުވާދެމުން ދަނިކޮށް، އޭނާ މަރުވީ މިއަދު މެންދުރުފަހުގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި ސްލައިޑުން ވެއްޓުނު ގޮތަކުން އުމަރުގެ ސިކުނޑިއަށް ބޮޑު އަނިޔާއެއްވެ، ސްޕައިނަލް ކޯޑަށް ވެސް ވަނީ އަނިޔާތަކެއް ލިބިފައެވެ.

ފުލުހުންނާއި އޭޑީކޭއަށް "ވަން" އިން ގުޅުމުން ފޯނަށް ޖަވާބުދީފައިނުވާތީ، އެކަމާ ގުޅޭ އިތުރު ތަފްސީލު ލިބޭގޮތް ވަނީ ނުވެފައެވެ.