"އުރީދޫ ނޭޝަން ގޭމާސް ލޭންޑް" ގެ ނަމުގައި އުރީދޫއިން އަންނަ މަހު ބާއްވާ ގޭމިން ފެސްޓިވަލް އިއުލާނުކޮށްފިއެވެ.

އޫރީދޫން އިއްޔެ ބުނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިން ފެސްޓިވަލް "އުރީދޫ ނޭޝަން ގޭމާސް ލޭންޑް" އޮންނާނީ އަންނަ މަހުގެ 19، 20 އަދި 21 ވަނަ ދުވަހު ކަމަށެވެ.

އުރީދޫ މޯލްޑިވްސް ހެޑްކުއާޓާސްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އިވެންޓްގައި ހުރިހާ ވައްތަރެއްގެ ގޭމް ކުޅޭ ފަރާތްތަކަށް ވެސް އެކަށީގެންވާ ހަރަކާތްތަކެއް ކުރިއަށްދާނެ ކަމަށް އުރީދޫން ބުންޏެވެ. އެގޮތުން އުރީދޫ ނޭޝަން ގޭމާސް ލޭންޑްގައި އުރީދޫ ނޭޝަން ޕަބްޖީ މޮބައިލް ފައިނަލް މެޗްތަކުގެ އިތުރުން ރޭސިން ސިމް، ފީފާ، ކޮސްޕްލޭ އަދި ޓެކަން ޓޯނަމެންޓް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި ފެސްޓިވަލުގައި އުރީދުން އިންތިޒާމުކުރި ރާއްޖޭގެ އެންމެ ބޮޑު ޕްބަޖީ މުބާރާތުގެ މޮބައިލް ޗެމްޕިއަންޝިޕްގެ ފައިނަލް މެޗުތައް ކުޅޭނެއެވެ. މި މުބާރާތުގައި 16 ޓީމަކުން މުބާރާތަށް ހުށަހަޅަފައިވާ އެއް ލައްކަ ރުފިޔާގެ ޕްރައިޒް ޕޫލަށް ވާދަކުރާނެއެވެ.

މި ފެސްޓިވަލްގައި ތަފާތު މުބާރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުސަތު ވެސް ހުޅުވާލާނެއެވެ. ރަޖިސްޓްރޭޝަންގެ މައުލޫމާތު އުރީދޫ ނޭޝަން ވެބްސައިޓާއި އުރީދޫ ނޭޝަންގެ ރަސްމީ ސޯޝަލް މީޑިއާ ޕޭޖުތަކުގައި ހިއްސާ ކުރާނެ ކަމަށް އެކުންފުނިން ބުންޏެވެ. މި މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ:

  • 40،000 ރުފިޔާގެ ޕްރައިޒް ޕޫލަކާ އެކު އީއޭއެފްސީ (ފީފާ)
  • 25،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ރޭސިން ސިމް ޗެލެންޖް
  • 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ޓެކެން މުބާރާތް
  • 10،000 ރުފިޔާގެ ޕްރައިޒް ޕޫލަކާއެކު ކޮސްޕްލޭ މުބާރާތް

މި ފެސްޓިވަލުގެ ގޭމްތަކުގެ ޕްރައިޒް ޕޫލަށް އުރީދޫން ވަނީ ޖުމްލަ 185،000 ރުފިޔާ ހުށަހަޅައިފައެވެ.

ގޭމާސް ލޭންޑްގެ މުބާރާތްތަކުގެ އިތުރުން އެ ފެސްޓިވަލަށް ޒިޔާރަތްކުރާ ފަރާތްތަކަށް ކްލޯ މެޝިނާއި އެންމެ ފަހުގެ ވީޑިއޯ ގޭމްތައް ތަޖުރިބާކުރުމުގެ އިތުރުން ރައްޓެހިންނާ އެކު ޖަސްޓް ޑާންސްއަށް ނަށާލުމާއި، ތްރޯ ދަ ހޫޕް އަދި ފޭސް ޕެއިންޓިން ފަދަ ހަރަކާތްތައް އޮންނާނެ ކަމަށް އުރީދޫން ބުންޏެވެ.