މައިކްރޯސޮފްޓްގެ މުވައްޒަފަކަށް އޮޅިގެން 38 ޓެރަބައިޓްގެ ޑޭޓާ ލީކު ކުރެވިއްޖެއެވެ.

މައިކްރޯސޮފްޓުން މިކަމާ ގުޅިގެން ނެރެފައިވާ ބަޔާނުގައި ވާގޮތުން އެ މުވައްޒަފަށް އޮޅިގެން ލީކުކުރެވުނު ޑޭޓާ ތަކުގެ ތެރޭގައި އެއްވެސް ކަސްޓަމަރެއްގެ ޑޭޓާއެއް ނުހިމެނެއެވެ. މިކަމުގެ ސަބަބުން މައިކްރޯސޮފްޓްގެ ހިންގުމަށް އެއްވެސް ބުރުލެއް އަރާފައި ނުވާކަމަށް ވެސް ބަޔާނުގައި ވެއެވެ.

މައިކްރޯސޮފްޓުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އޮޅިގެން ލީކު ކުރެވިފައިވާ ޑޭޓާތައް ލީކުވެފައިވަނީ އާޓިފިޝަލް އިންޓަލިޖެންސުގެ ރިސާޗެއްގެ ތެރެއިން އަރާފައިވާ އޮޅުމެއްގެ ސަބަބުންނެވެ.

38 ޓެރަބައިޓްގެ ޑޭޓާތަކުގެ ތެރޭގައި ޕްރައިވެޓް ކީތަކާއި ޕާސްވޯޑުތަކުގެ އިތުރުން މައިކްރޯސޮފްޓް ޓީމްސް އިން އެ ކުންފުނިން އެތެރޭގައި ދައްކާ ވާހަކަތަކުގެ ޗެޓުތައްވެސް ހިމެނެއެވެ.

މި ކަމާ ގުޅިގެން، އެ މުވައްޒަފާ މެދު އެއްވެސް ފިޔަވަޅެއް އެޅިކަމެއް އެ ކުންފުނީގެ ބަޔާނުގައި ބުނެފައެއް ނުވެއެވެ.