ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަ ގއ. ހުރެންދޫ، އެ އަތޮޅު ކޮލަމާފުށި ކައުންސިލާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ، "ދިވެހިރާއްޖޭގެ ފަޅުރަށްތަކާ ބެހޭ ގާނޫނު"ގެ ދަށުން ހިމެނޭ ގަވާއިދު "މަސްވެރިކަމާއި ދަނޑުވެރިކަމާއި އިގުތިސާދީ ބޭނުންތަކަށް ފިޔަވައި އެ ނޫން ބޭނުންތަކަށް ފަޅުރަށްރަށް ދޫކުރުމާއި ބެހޭ ގަވާއިދު" ގެ ދަށުން ކޮލަމާފުށި ކައުންސިލާ ހުރެންދޫ ހަވާލުކުރީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އެގޮތަށް ނިންމެވުމާ ގުޅިގެން ކަމަށެވެ.

ތިން ހެކްޓަރުގެ އެ ރަށް ކޮލަމާފުށި ކައުންސިލާ ހަވާލުކުރީ ފަސް އަހަރުގެ މުއްދަތަކަށެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ރަށް ހަވާލުކުރެއްވުމުގެ އެއްބަސްވުމުގައި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ. ކޮލަމާފުށި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނައިބު ރައީސް ޝަހާމަތު ހަނީފެވެ.