ދޮގު ހަބަރު ފަތުރާ މީހަކީ މުޖުތަމައުގައި ހިމެނޭ ވިހަ ގުނަވަނެއް ކަމަށާއި އޭނާއަކީ އޭނާގެ ތަބީއަތުގައި ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.
"ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަން،" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މުޖުތަމައު ފަސާދަކޮށް ރަނގަޅު މަގަށް ހުރަސްއެޅުމަށް މަސައްކަތްކުރާ މީހުން ބޭނުންކުރާ އެންމެ ނުރައްކާތެރި ވަސީލަތަކީ ދޮގު ވާހަކަތަކާއި ދޮގު ހަބަރުތައް ފެތުރުން ކަމަށެވެ. އަދި މުޖުތަމައުގައި ފެތުރޭ ވާހަކަތަކުގެ ތެދު ދޮގު ނުބަލައި އެ ވާހަކަތައް ގަބޫލު ކުރުމަކީ ފަރުދުންނަށާއި ޖަމާއަތަށް ބޮޑެތި ގެއްލުންތައް ކުރިމަތި ކުރުވާނެ ކަމެއް ކަމަށް ބުންޏެވެ.
ހުތުބާގައި ބުނީ، ދޮގު ވާހަކަތައް ފެތުރުމުގެ ނުބައިކަމާއި އެފަދަ ވާހަކަތައް ގަބޫލުކުރުމުގެ ސަބަބުން އިންސާނުން ކުރިމަތިލާން ޖެހުނު މުސީބާތްތަކުގެ ވާހަކަތައް ކީރިތި ޤުރުއާނުގައި އައިސްފައިވާ ކަމަށެވެ. އެގޮތުން އިބިލީހުގެ ވާހަކަ އާދަމުގެފާނަށް ގަބޫލު ކުރެއްވުމުގެ ނަތީޖާއަކަށްވީ ސުވަރުގެއިން ނުކުމެވަޑައިގަންނަވަން ޖެހިވަޑައިގެން، ބުރައެއް ނެތް ހަޔާތަކުން ބުރަ ހަޔާތަކަށް ދިރިއުޅުއްވުން ބަދަލުވެގެން ދިޔަކަން ފާހަގަކުރިއެވެ.
ހުތުބާގައި ބުނީ ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމާއި އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަމުން ދޮގުހެދުމާއި ސާބިތު ނުހިފޭ ޔޯލަ ވާހަކަ ދެއްކުން މާތް ﷲ ހަރާމް ކުރައްވައި ދޫ ރައްކާތެރިކުރުމަށް އަމުރު ކުރައްވާފައިވާ ކަމަށެވެ. އަދި ދޮގު ހަބަރު ފަތުރާ މީހަކީ މުޖުތަމައުގެ އަމަން އަމާންކަމުގެ ހައްގުގައި ބޮޑު ޖަރީމާއެއް ކަމަށާއި އެއީ އޭނާގެ ދީނުގެ ހައްގުގައިވެސް ޖަރީމާއެއް ކަމަށް ބުންޏެވެ.
ޚަބަރު
ޚަބަރު