ދިވެހި ސިފައިންގެ ބާރު ނުހިނގާ އެއްވެސް އަސްކަރީ މަރުކަޒެއް ރާއްޖޭގައި ނުހުންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިޔުއެއްގައި ޗީފް އޮފް ޑިފެންސް ފޯސް ލެފްޓިނެންޓް ޖެނަރަލް އަބްދުﷲ ޝަމާލް މިއަދު ވިދާޅުވީ، މީހުން ތަމްރީންކުރުމާއި އަސްކަރީ އެކި ހަރަކާތްތަކުގައި އިންޑިއާއަކީ ޒަމާނުއްސުރެ ދިވެހި ސިފައިންނަށް އެހީތެރިކަން ފޯރުކޮށްދޭ ގައުމެއް ކަމަށާއި އެގޮތުން 2011 ވަނަ އަހަރު އިންޑިއާގެ ކޯސްޓްގާޑުގެ ހެލިކޮޕްޓަރަކާއި 2016 ވަނަ އަހަރު އިންޑީއާ ނޭވީގެ ހެލިކޮޕްޓަރެއް އަދި 2019 ވަނަ އަހަރު ޑޯނިއާ މަތިންދާ ބޯޓަކާއި ޕެޓްރޯލް އުޅަނދުފަހަރު އެގައުމުން ހަދިޔާކޮށްދީފައިވާ ކަމަށެވެ.
ހެލިކޮޕްޓަރު މައިގަނޑު ގޮތެއްގައި ބޭނުންކުރަނީ ބަލި މީހުން އުފުލުމާއި ކަނޑުމަތީގެ ހާދިސާތަކުގައި ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ޑޯނިއާ ބޭނުން ކުރަނީ ކަނޑުމަތީގެ ހާދިސާތަކާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކަމަށެވެ. އަދި އެ ހުރިހާ އުޅަނދެއްވެސް އޮޕަރޭޓް ކުރަނީ ދިވެހި ސިފައިންގެ ކޮމާންޑު އެންޑް ކޮންޓްރޯލްގެ ދަށުން ކަމުގައި ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވީ، ރާއްޖޭގައި ހުރި ހުރިހާ ސިފައިންގެ މަރުކަޒުތަކެއްގެ ފުރިހަމަ ކޮންޓްރޯލް ދިވެހިންގެ ސިފައިންނަށް އޮންނަ ކަމަށާއި އެހެން ގައުމަކަށް އެ ތަންތަނުގެ ކޮންޓްރޯލެއް ނޯންނާނެ ކަމަށެވެ.
"ދިވެހި ސިފައިންގެ ބާރު ނުހިނގާ ތަނެއް އަސްކަރީ އެއްވެސް މަރުކަޒެއް ނުހުންނާނެކަން. އަދި އަޅުގަނޑަށް ގަބޫލުކުރެވޭގޮތުގައި ކުރިމަގުގައިވެސް އެ ފުރުސަތެއް އެއްވެސް ބަޔަކު ނުދޭނެކަން. ވަކިން ހާއްސަކޮށް ބޭރުގެ ގައުމެއްގެ އަސްކަރީ ބޭސްއެއް ނުވަތަ ފެސިލިޓީއެއް ނުވަތަ ބޭރު ގައުމެއްގެ ބަޔަކު، ސިފައިންގެ ކޮންޓްރޯލެއްނެތި އޮޕަރޭޓްކުރާ ފެސިލިޓީއެއް ރާއްޖޭގައި ނެތްކަން އަޅުގަނޑުހަމަ ފާހަގަކުރަން." ޝަމާލް ވިދާޅުވިއެވެ.
ޝަމާލް އިތުރަށް ވިދާޅުވީ އުތުރުތިލަފަޅުގައި ތަރައްގީކުރާ "އެކަތަ" ބަނދަރަކީވެސް ދިވެހި ދައުލަތުގެ މިލްކެއް ކަމަށާއި އެތަނުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމުގައިވެސް ދިވެހި ސިފައިން ހަރަކާތްތެރިވަމުންދާކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު