މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ކަންކަން ކުރިއަށްދިޔައީ ވަރަށް އޮމާންކޮށް ކަމަށް ކޮމަންވެލްތުގެ އޮބްޒާވަރުން ބުނެފިއެވެ.

ކޮމަންވެލްތުގެ އޮބްޒާވަރުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމިއްޔާގެ އޮބްޒާވަރުން މާލެ އާއި ގދ، ޅ، ދ. ހދ. އައްޑޫ ސިޓީ، އަދި ލ އަތޮޅުގެ ރަށްތަކުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

ކޮމަންވެލްތުގެ އޮބްޒާވަރުން ބުނީ، ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި ވޯޓުލުމުގެ ކަންކަން ކުރިއަށް ގޮސްފައިވަނީ ވަރަށް އޮމާންކޮށް ކަމަށާއި ހަމަނުޖެހުންތައް މަދު ކަމަށެވެ. ނަމަވެސް އިންތިހާބާ ގުޅިގެން ވޯޓު ގަތުމާއި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމުގެ ޝަކުވާ ލިބިފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނީ، ވޯޓުލާ މަރުކަޒުތަކުގައި ގަޑިއަށް ވޯޓުލުން ފަށާފައިވާ ކަމަށާއި ވޯޓާއި ގުޅޭ މައުލޫމާތުތައް ވޯޓިން ސްޓޭޝަންތަކުގައި ފަސޭހައިން ލިބޭނެ ގޮތަށް ހުރި ކަމަށެވެ. އަދި ފުލުހުންނާއި އޮފިޝަލުންވެސް ހަމައަށް ވޯޓިން ސްޓޭޝަންތަކުގައި ތިބި ކަމަށް ބުންޏެވެ.

އެ ބަޔާނުގައި ބުނީ، ބައެއް ވޯޓިން ސްޓޭޝަންތަކުގައި ވޯޓުގެ ސިއްރުކަން އެންމެ ބޮޑަށް ކަށަވަރު ނުކުރެވޭ ކަމަށާއި ނަމަވެސް ޖުމްލަ ގޮތެއްގައި ސްޓޭޝަންތަކުގައި ވޯޓުގެ ސިއްރުކަން ކަށަވަރުވާ ކަމަށެވެ.

ކޮމަންވެލްތުގެ އޮބްޒާވަރުންގެ ބަޔާނުގައި އިތުރަށް ބުނީ، ވޯޓު ގުނިއިރު، ގިނަ އަދަދެއްގެ ބާތިލް ވޯޓު ހިމެނޭ ކަމަށާއި އެހެންކަމުން ކުރިއަށް އޮތްތަނުގައި ވޯޓާ ބެހޭ ގޮތުން މީހުން ހޭލުންތެރިކުރުވަން ޖެހޭ ކަމަށެވެ.