ސޮވެރިން ޑިވެލޮޕްމަންޓް ފަންޑާއި ޖީއެސްޓީއާ ބެހޭ ގާނޫނު އަދި ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރަން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން 18.7 މިލިއަން ޑޮލަރު (288 މިލިއަން ރުފިޔާ)ގެ ހިލޭ އެހީ ދީފިއެވެ.
އޭޑީބީގެ މިފަހަރުގެ އެހީ އަމާޒުކޮށްފައި ވަނީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާކުރަން ބައެއް ގާނޫނުތައް އިސްލާހުކުރުމާ ދައުލަތުގެ އާމްދަނީ، ހަރަދު އަދި ދަރަނި މެނޭޖުކުރަން މެދުމިނެއްގައި ކަންތައްތައް ތަންފީޒުކުރުވޭނެ މަގުތައް ހޯދައިދިނުމެވެ.
މި އެހީއަކީ އޭޑީބީން ރާއްޖެއަށް އަމާޒުކޮށް ކުރިއަށްގެންދާ "ސްޓްރެންތްނިން ފިސްކަލް މެނޭޖްމަންޓް އެންޑް ސަސްޓެއިނެބަލިޓީ ޕްރޮގްރާމް" ގެ ދަށުން ފޯރުކޮށްދޭ އެހީއެކެވެ. "ސްޓްރެންތްނިން ފިސްކަލް މަނޭޖްމަންޓް އެންޑް ސަސްޓެއިނަބިލިޓީ ޕްރޮގްރާމް" ކުރިއަށްގެންދާނީ މިއަދުން ފެށިގެން 2025 ގެ ނިޔަލަށެވެ.
އޭޑީބީން ވަނީ އެއް މިލިއަން ޑޮލަރު (15.4 މިލިއަން ރުފިޔާ) ގެ ހިލޭ އެހީއެއް ވެސް ފޯރުކޮށްދިނުމަށް ނިންމައިފައެވެ.
އެ ބޭނުން ވަނީ މީގެ ކުރިންވެސް ދިވެހި ސަރުކާރާ ގުޅިގެން ބައެއް ޓެކްސްތަކާއި ގާނޫނުތައް ހަރުދަނާ ކުރަން މަސައްކަތްތަކެއް ކޮށްފައެވެ. މީގެ ތެރޭގައި ޖީއެސްޓީ، އެއާޕޯޓް ޓެކްސް އާއި ފީ ނެގުން އަދި ކުނި މެނޭޖުކުރުމާ ބެހޭ ގާނޫނާއި ގްރީން ޓެކްސްއާ ގުޅޭ ގަވާއިދު ވެސް ހިމެނެއެވެ.
އޭޑީބީން މިހާރު ކުރިއަށްގެންދާ ޕްރޮގްރާމުގެ ދަށުން، އިންކަމް ޓެކްސް ގާނޫނަށް ބަދަލުތަކެއް ގެނައުން، ދައުލަތުގެ ދަރަނި މެނޭޖު ކުރުމާ ބެހޭ އާ ގާނޫނެއް މަޖިލީހަށް ހުށަހެޅުން، ހަރަދަށް ޒިންމާވުމުގެ ގާނޫނަށް ބަދަލުތަކެއް ގެނައުން، ސަސްޓެއިނަބަލް ފައިނޭންސިން ފްރޭމްވޯކެއް ތަންފީޒުކުރަން ފެށުން، އިޔާދަކުރަނިވި ހަކަތައިގެ ވަސީލަތްތައް އިތުރު ކުރުމަށް ކްލައިމެޓް އެމަޖެންސީ ގާނޫނާއި ހަކަތައިގެ ގާނޫނު ތަންފީޒުކުރުން ހިމެނެއެވެ.
މީގެ އިތުރުން ފެނާއި ކަރަންޓު އަދި ސިއްހީ ފަރުވާގެ ސަބްސިޑީ ހައްގުވެރިންނަށް އެކަނި ދޭ ގޮތަށް ބަދަލުކުރުމަށް އެހީތެރިވުން، މެދު ރާސްތާގެ އާމްދަނީ ޕްލޭނެއް ފާސްކުރުން، ޓެކްސް ބޭސް ފުޅާކުރުމަށް ޖީއެސްޓީ ގާނޫނަށް ބަދަލު ގެނައުން، ސޮވެރިން ޑިވެލޮޕްމަންޓް ފަންޑްގެ ގާނޫނެއް މަޖިލީހަށް ހުށަހެޅުންމުގެ އިތުރުން ވޭސްޓް މެނޭޖްމަންޓް ބިލް 2022 އަދި މޯލްޑިވްސް އިންލެންޑް ރެވެނިއުގެ ގްރީން ޓެކްސް ހިމެނެއެވެ.
މީގެ މަގުސަދަކީ ސޮވެރިން ފަންޑުން އިންވެސްޓު ކުރުމާ ބެހޭ ގަވާއިދުތައް ހެދުމަށް ބޭނުންވާ ގަވައިދުތައް އެކުލަވައިލުމާއި ރިސްކް މެނޭޖްމަންޓް ފްރޭމްވޯކެއް ތައާރަފުކުރުމެވެ.
މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަމާއި ކުދި ފަންތި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް 41 މިލިއަން ޑޮލަރުގެ ފައިނޭންސް ޕެކޭޖެއް ވަނީ އޭޑީބީން މިއަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު ދީފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު