ސަންގު ޓީވީން އިންތިޒާމުކޮށްގެން ބާއްވާ ރިޔާސީ ބަހުސްގައި މިނިވަން ކެންޑިޑޭޓުންނަށްވެސް ފުރުސަތުދޭން ނިންމައި، ހުރިހާ ކެންޑިޑޭޓުންނަށްވެސް ބައިވެވޭނެ ގޮތް ހަދައިފިއެވެ.

ސަންގު ޓީވީގެ ބަހުސްގައި މިނިވަން ކެންޑިޑޭޓުންނަށް ބައިވެރިނުވެވޭތީ އެއީ މިނިވަން ކެންޑިޑޭޓުންގެ ހައްގު ގެއްލޭ ކަމަށް ބުނެ އިންތިހާބުގައި ވާދަކުރައްވާ ހަސަން ޒަމީލް ވަނީ އިލެކްޝަން ކޮމިޝަނަށް މައްސަލައެއްވެސް ހުށަހަޅައިފައެވެ.

ސަންގު ބަހުސްއަށް ފުރަތަމަ ދައުވަތު ދީފައިވަނީ ސިޔާސީ ޕާޓީތަކުގެ ކެންޑިޑޭޓުންނަށް އެކަންޏެވެ.

ސަންގު ޓީވީގެ ނިއުސް ހެޑް ޝަހުބާން ފަހުމީ "ވަން" އަށް މިއަދު ވިދާޅުވީ، ސަންގު ބަހުސްގެ ދައުވަތު ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ ހުރިހާ ކެންޑިޑޭޓުންވެސް ބަލައިގެންފައިވާ ކަމަށެވެ. އަދި ސަންގު ބަހުސްގައި މިނިވަން ކެންޑިޑޭޓުންނަށް ބައިވެރިކުރަން ރައްޔިތުންގެ ހިޔާލު ހޯދުމަށް ހުޅުވާލި ޕޯލުން ގިނަ ރައްޔިތުންނަށް މިނިވަން ކެންޑިޑޭޓުން ބަހުސްގައި ބައިވެރިކުރަން އެދޭތީ އެގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.

ސަންގު ޓީވީ އާއި ޕީއެސްއެމުން ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ސަންގު ބަހުސް ކުރިއަށްގެންދާނީ ގައުމީ ޔުނިވާސިޓީގެ އެއްްބާރުލުމާ އެކު ކަމަށެވެ. އަދި ސަންގު ބަހުސްގައި ބައިވެރިވުމުގެ ދައުވަތު ހުރިހާ ކެންޑިޑޭޓުންވެސް ގަބޫލުކޮށްފައިވާ ކަމަށްވެސް އެ ބަޔާނުގައި ބުންޏެވެ.

ސަންގު ޓީވީގެ ރިޔާސީ ބަހުސް ކުރިއަށްގެންދިއުމަށް ހަމަޖައްސާފައިވަނީ އަންނަ ހޮނިހިރު ދުވަހުގެ 21:00 އިން 23:00 އަށެވެ.

ސަންގު ބަހުން އަންނަ ހޮނިހިރު ދުވަހު ބާއްވާ އިރު، ޕީއެސްއެމުން އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން އުޅުނު ރިޔާސީ ބަހުސް ވަނީ ކެންސަލްކޮށްފައެވެ.

އެ ބަހުސް ކެންސަލްކުރިކަން އިއުލާނުކޮށް ޕީއެސްއެމުން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނަށް ބައިވެރިވެވޭ ގޮތަށް މި ބަހުސް ބޭއްވުމަށް މަސައްކަތް ކުރިނަމަވެސް، ކެނޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދާތީ މި ބަހުސްގައި ބައެއް ކެންޑިޑޭޓުންނަށް ބައިވެރިވެވެން ނެތުމުން، ބަހުސް ފަހުގެ ތާރީހަކަށް ބަދަލުކުރުމަކީ މ ކެންޑިޑޭޓުންނަށް ކެމްޕެއިން ކުރުމަށް ދަތިތަކެއް ކުރިމަތިވެދާނެ ކަމެއް ކަމަށް ދެކޭތީ ކަމަށެވެ.

ޕީއެސްއެމުން އިތުރަށް ބުނެފައިވަނީ، ސަންގު ޓީވީން ބާއްވާ ބަހުސްގައި ޕީއެސްއެމުން ޕާޓްނާވެގެން ކުރިއަށްގެންދިއުމުގެ އިންތިޒާމުތައް ވަމުން އަންނަ ކަމަށެވެ.