އިންޑިޔާގެ ކޮޗިންގެ ޝޮޕިން މޯލެއްގައި އަންހެނުން ބޭނުންކުރާ ފާޚާނާއަކަށް މޫނުބުރުގާ އަޅައިގެން ވަދެ އެތާގެ ތެރޭގައި މޯބައިލް ފޯނު ފޮރުވައި ދެން ބޭރަށް ނިކުމެހުރެ މަންޒަރުތައް ރިކޯޑްކުރަމުންދިޔަ ޒުވާން ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ހައްޔަރުކުރެވުނު 23 އަހަރުގެ އަބިމާންޔޫއަކީ ކޮޗިންގެ މަޝްހޫރު އައިޓީ ކުންފުންޏެއްގައި ވަޒީފާއަދާކުރާ އައިޓީ ތަޖުރިބާކާރެކެވެ. އޭނާ ހައްޔަރުކޮށް، ފޯނުވެސް ހޯދައި، ތަހުގީގު ހިންގުމަށްފަހު ކޯޓު އަމުރެއްގެ ދަށުން މިހާރުހުރީ ދެ ހަފުތާގެ ބަންދެއްގައެވެ. އޭނާއާމެދު ޝައްކު ކުރެވުނީ ފާޚާނާއާ ގާތުގައި ހުރެގެން ޝައްކުވާޒާތަކަށް އަމަލުތައް ހުރުމުންނެވެ.

ޝޮޕިންމޯލްގެ ގާޑުންނަށް އޭނާއާމެދު ޝައްކު ކުރެވިގެން ފުލުހުން ގެނެސްގެން ބެލިއިރު އެއީ މޫނުބުރުގާ އަޅައިގެންހުރި ފިރިހެނެކެވެ. އަންހެނެއްވެސް ނޫނެވެ. ފުލުހުން މިހާރު ބަލަމުންދަނީ މިޒުވާނާ މީގެކުރިންވެސް މިޒާތުގެ އަމަލެއް ހިންގާފައިވޭތޯއެވެ. އެކަން ދެނެގަތުމަށް އޭނާގެ ފޯނުތަކާއި އޭނާގެ ގެޔާއި އޮފީހުގައި ބޭނުންކުރާ ކޮމްޕިއުޓަރު ސިސްޓަމްތައްވެސް ވަނީ ބަލައިފައެވެ.

އެއިން ފެނުނު އެއްޗަކާއި ހޯދުނު އެއްޗަކާމެދު ފުލުހުން އަދި ވަކިއެއްޗެއް ނުބުނެއެވެ. އަބީމާންޔޫގެ ފޯނަށް ވީޑިއޯ ރިކޯޑް ކުރުމަށްޓަކައި މޫނުބުރުގާ އަޅައިގެން އޭނާ ވަދެފައިވާ ފާޚާނާއަކީ ކޮޗިންގެ އެންމެ މަގްބޫލް އެއްމޯލް ކަމުގައިވާ ލޫލޫ މޯލްއަށް ޒިޔާރަތްކުރާ އެކިއުމުރުގެ އަންހެނުންނަށް ޚާއްސަކުރެވިފައިވާ ފާޚާނާއެކެވެ.