އެގްރޯނެޓުން މިހާތަނަށް ދަނޑުވެރިންނަށް 9.3 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ވަން" އަށް ވިދާޅުވީ، އެގްރޯނެޓުން ދޫކުރި ފައިސާގެ ތެރޭގައި ހިމެނެނީ، ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެއްޗަށް ދޫކުރި 5.3 މިލިޔަން ރުފިޔާގެ އިތުރުން ދަނޑުވެރިން އުފައްދާ ތަކެއްޗަށް ދޫކުރި ހަތަރު މިލިއަން ރުފިޔާއެވެ.

އެގްރޯ ނެޓް ކޮންޓްރެކްޓް ފާމިންގެ ދަށުން، މިހާތަނަށް 773 ދަނޑުވެރީންނާއެކު ކޮންޓްރެކްޓްކޮށް، ރާއްޖޭގައި ދަނޑުވެރިކަން ކުރެވިދާނެކަމަށް ފެންނަ، 75 ރަށަކަށް ޒިޔާރަތްކޮށް، 2300 އެއްހާ މީހުންނަށް ކޮންޓްރެކްޓް ފާމިންގެ މައުލޫމާތު ފޯރުކޮށްދެވިފައިވާނެ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

އެގްރޯނެޓުން ދަނޑުވެރިންގެ މަސައްކަތްތައް ބަލަހައްޓައި މޮނިޓާކޮށް ދަނޑުވެރިންނަށް އެހީތެރިވުމަށްޓަކައި، 25 ރަށެއްގައި ރީޖަނަލް ކޯޑިނޭޓަރުންނާއި އައިލޭންޑް ކޯޑިނޭޓަރުން މަސައްކަތް ކުރަމުން ގެންދެއެވެ. އެމީހުންގެ ޒިންމާއަކީ ދަނޑުވެރިންގެ މަސައްކަތްތައް މޮނިޓާކޮށް، އެގްރޮނޮމިސްޓުންނާ ގުޅުވައިދީ، ދިމާވާ މައްސަލަތައް ހައްލުކޮށްދީ، ދަނޑުވެރިން ކަނޑާ ތަކެއްޗާ އެރަށަކުން ހަވާލުވުމެވެ.

އޭގެ އިތުރުން ދަނޑުވެރިން ހައްދާ ބާވަތްތައް ކުންފުނީގެ މިންގަނޑުތަކަށް ފެތޭނަމަ، ކުންފުނީގެ މުވައްޒަފުން ބެލުމަށްފަހު އެ ރަށަކުން އެތަކެއްޗާ ވާލުވާނެ ކަމަށާއި، މާލޭގެ ބާޒާރުގައި ކޮންމެ އަގެއް ހުއްޓަސް އެގްރޯނެޓާއެކު އެއްބަސްވެފައި އޮންނަ އަގު އެގްރޯނެޓުން ދަނޑުވެރިޔާއަށް ދޭނެ ކަމަށް އޮފިޝަލު ވިދާޅުވިއެވެ. އަދި އެގްރޯނެޓުން ތަކެއްޗާ ހަވާލުވާ ހިސާބުން ދަނޑުވެރިޔާގެ ޒިންމާ ނިމިގެންދާނެކަމަށާއި ތަކެތި މާކެޓަށް ފޯރުކޮށްދިނުމުގެ މަސައްކަތް ކުންފުނިން ކުރިއަށްގެންދާނެކަމަށްވެސް ވިދާޅުވިއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން އަކީ ދިވެހިރާއްޖޭގައި ދަނޑުވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ މަގުސަދުގައި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ދަށުން، ދަނޑުވެރިކަމުގެ ސިޔާސަތު ތަންފީޒުކޮށް، ދަނޑުވެރިކަން ކޮޅަށް ޖެހުމަށް އެކި ކަހަލަ މަސައްކަތްތައް ކުރެއެވެ. ކޮންޓްރެކްޓް ފާމިންގެ އެއްބަސްވުމަކީ، ދަނޑުވެރިޔާއަށް މުއްދަތު އިތުރު ކުރެވޭ ގޮތަށް ފަރުމާކޮށްފައި އޮންނަ އެއްބަސްވުމެކެވެ.