މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ން އަލަށް އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ރާޑާ ޓްރެއިނިންއެއް ފަށައިފިއެވެ.

އެމްއޭސީއެލުން މިއަދު ބުނީ އެ ޓްރެއިނިންގައި ހަ މީހަކު ބައިވެރިވި ކަމަށެވެ. އެ ޓްރެއިނިންއަކީ ރާޑާ ކޮންޓްރޯލް ޓްރެއިނިން (އޭރިއާ ކޮންޓްރޯލް ސަވައިލަންސް ކޯސް - އައިކާއޯ 054) ކޯހެއްކަމަށް އެމްއޭސީއެލުން ބުންޏެވެ.

އަލަށް ކުރިއަށްގެންދާ އެ ޓްރެއިނިންއަކީ މިދިޔަ ޖުލައިމަހުގެ 30 ވަނަ ދުވަހު ފެށި ޓްރެއިނިންއެއް ކަމަށާއި އެ ޓްރެއިނިން އަންނަ ސެޕްޓެމްބަރުމަހުގެ 21 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ ކަމަށް އެމްއޭސީއެލުން ބުންޏެވެ.

އެ ޓްރެއިނިންގެ ލީޑް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރާނީ ގްލޯބަލް އޭޓީއެސް/ ޔޫކޭގެ ރިޗަޑް ތޯމަސް ސްމިތު އަދި އިންސްޓްރަކްޓަރުންގެ ގޮތުގައި އެމްއޭސީއެލްގެ މުހައްމަދު އަތުހަރު އަދި އަހުމަދު ނަޒީރު ކަމަށް އެމްއޭސީއެލުން ބުންޏެވެ.

"އެމްއޭސީއެލް އަކީ ރާއްޖޭގެ ހުރިހާ އެއާޕޯޓަކަށް އެއާ ނެވިގޭޝަންގެ ހިދުމަތް ފޯރުކޮށްދޭ ކުންފުންޏަށް ވުމާއެކު، މި ކޯހަކީ ވެސް ކުންފުނީގެ ހިދުމަތްތައް ހަރުދަނާކޮށް ފުޅާކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މުހިންމު މަސައްކަތްތެއް" އެމްއޭސީއެލުން ބުންޏެވެ.

އެމްއޭސީއެލް އިން ވަނީ 2023 ވަނަ އަހަރު އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ލައިސަންސްގެ ދެ ކޯހެއްވެސް އިފްތިތާހު ކޮށްފައެވެ. އެއީ އޭރިއާ ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 055) އާއި އެޕްރޯޗް ކޮންޓްރޯލް ޕްރޮސީޖަރަލް ކޯސް (އައިކާއޯ 053) އެވެ. އެއީ އެމްއޭސީއެލް އިން އެއްފަހަރާ ދެ އޭޓީސީ ރޭޓިން ޓްރެއިނިން ކުރިއަށް ގެންދިޔަ ފުރަތަމަ ފަހަރެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރާއްޖޭގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރު ސިމިއުލޭޓަރު އެމްއޭސީއެލްއިން ހުޅުވީ 2021 ވަނަ އަހަރުއެވެ. އެ ސިމިއުލޭޓަރަކީ އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރުން ތަމްރީނު ކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ސިމިއުލޭޓަރެއްކަމަށް އެމްއޭސީއެލުން ބުންޏެވެ.