އިންޑިއާގެ ''ޗަންދްރަޔާން 3'' ބުދަދުވަހުގެ އިރުއޮއްސޭ ވަގުތު ހަނދަށް ތިރިކުރާނެކަމަށް އިންޑިއާގެ ސްޕޭސް ސިސާޗް އޯގަނައިޒޭޝަން އިން ބުނެފިއެވެ.

ރަޝިޔާއިން ހަނދަށް ފޮނުވި ލޫނާ-25 ހަނދަށް ތިރިކުރުމުގެ ތެރޭގައި ވެއްޓިފައިވާއިރު އިންޑިއާއިން ފޮނުވާލި ''ޗަންދްރަޔާން 3'' ހަނދަށް ތިރިކުރާނެ ވަގުތަކަށް މުޅި ދުނިޔެ އަންނަނީ އިންތިޒާރުކުރަމުންނެވެ.

ހަނދުގެ ދެކުނު ތަނޑިއަށް އިންޑިއާގެ ''ޗަންދްރަޔާން 3'' ތިރިކުރަން ހަމަޖެހިފައިވަނީ އެގައުމުގެ ގަޑިން 18:04 ގައެވެ. ''ޗަންދްރަޔާން 3''ގެ ލޭންޑަ މޮޑިއުލް އިން ހަނދަށް ތިރިކުރުމުގެ މަސައްކަތް އެ ދުވަހުގެ ހަވީރު 17:45 ގައި ފަށާނެ ކަމަށް އޮފިޝަލުން ބުނެއެވެ.

އިންޑިއާއިން "ޗަންދްރަޔާން - 3" ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިއުމަށް ގިނަ ދިރާސާތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އެންމެ ފަހުގެ ޓެކްނޮލޮޖީ ޗަންދްރަޔާން އުޅަނދުގައި ވަނީ ބޭނުންކޮށްފައެވެ.

އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން އިން އުފައްދާފައިވާ ޗަންދްރަޔާންގެ 3 ވަނަ އުޅަނދު ކާމިޔާބުކަމާއެކު ހަނދަށް ތިރިކޮށް ހަނދުގެ ފަށަލައިން ސާމްޕަލް ނަގައި ދިރާސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގައުމުން ވަނި ޗަންދްރަޔާން މިޝަން 3 އަށް 75 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.

އިންޑިއާގެ ޖައްވީ އުޅަނދު ކާމިޔާބުކަމާއެކު ހަނދަށް ތިރިކޮށްފިނަމަ އިންޑިއާ ވެގެންދާނީ ހަނދަށް އުޅަނދެއް ތިރިކުރި ހަތަރުވަނަ ގައުމު ކަމުގައެވެ.