އިންޑިއާއިން އެކްސްޕޯޓު ކުރާ ފިޔާގެ ޑިއުޓީ 40 ޕަސެންޓް ބޮޑުކޮށްފިއެވެ.

އިންޑިއާއިން ފިޔާ އެކްސްޕޯޓު ކުރުމަށް ނަގާ ޑިއުޓީ ފީ ބޮޑުކުރަން ނިންމާފައިވަނީ އެ ގައުމުގެ އެތެރޭގެ ބާޒާރުގައި ފިޔާގެ އަގު ބޮޑުވިޔަނުދީ ހިފެހެއްޓުމަށް ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއިން ޑިއުޓީއަށް ގެނެސްފައިވާ މި ބަދަލު މިއަހަރު ނިމެންދެން ދަމަހައްޓާނެ ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.

އިންޑިއާއިން އެކްސްޕޯޓު ކުރާ ފިޔާގެ މިންވަރު މި އަހަރު ވަނީ މީގެ ކުރިން އެއްވެސް އަހަރަކު އިތުރު ނުވާވަރަށް އިތުރުވެފައެވެ. އެ ގައުމުން މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެކަނިވެސް 8.2 ލައްކަ ޓަނުގެ ފިޔާ އެކްސްޕޯޓު ކޮށްފައިވެއެވެ. އިންޑިއާގެ ކަމާބެހޭ އިދާރާއިން ވަނީ އެގައުމުގައި އުފައްދާ ފިޔާ ރައްޔިތުންނަށް ލިބޭވަރަށް ނުއުފެއްދިދާނެ ކަމުގެ ބިރު އޮތްކަމަށް ބުނެފައެވެ.

އިންޑިއާ ސަރުކާރުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު އެގައުމުގައި ފިޔާ ކިލޯއެއްގެ އަގު 30 ރުޕީސް އަށް ބޮޑުވެފައިވެއެވެ. އަގު ބޮޑުވެފައިވަނީ ޑިމާންޑާ އެއްވަރަށް ނުއުފެއްދޭތީ ކަމަށް ސަރުކާރުން ބުނެއެވެ.