ފެން ހޯދުމަށް ރަޝިޔާއިން ފޮނުވި އުޅަނދު ހަނދަށް ވެއްޓިއްޖެއެވެ.

ލޫނާ-25 ގެ ނަމުގައި ރަޝިޔާއިން ހަނދަށް ފޮނުވާލި އެ އުޅަނދު ވެއްޓިފައިވަނީ ޓެކްނިކަލް މައްސަލައެއް ޖެހިގެން ކަމަށް އެ ގައުމުގެ ސްޕޭސް އެޖެންސީން ބުނެފައިވެއެވެ.

ރަޝިޔާގެ އުޅަނދު ވެއްޓެން ދިމާވި ސަބަބު ހޯދިފައި ނުވިނަމަވެސް ހަނދުގެ ލޭންޑިން އޯބިޓަށް ތިރިވި ވަގުތު އިމަޖެންސީ ހާލަތެއް މެދުވެރިވެ ގުޅުން ކެނޑުނުކަމަށް ރަޝިޔާގެ ޖައްވީ އިދާރާ ރޮސްކޮމޯސް އިން ބުނެފައިވެއެވެ.

ހަނދުގެ ދެކުނު ފަޅީގައި ފެން ހުރިކަމަށް ޖައްވީ ދިރާސާތަކުން ހޯދިފައިވުމާއެކު އެކަން ޔަގީން ކުރުމަށް، ރަޝިޔާއިން ފޮނުވާލި މި އުޅަނދު ރައްކާތެރިކަމާއެކު ހަނދުގެ ދެކުނު ފަރާތަށް ތިރިކޮށްފި ނަމަ ރަޝިއާ ވެގެން ދާނީ ހަނދުގެ އެ ސަރަހައްދަށް އުޅަނދެއް ތިރިކުރާ ފުރަތަމަ ގައުމަށް ކަމަށް އެގައުމުން މީގެ ކުރިން ބުނެފައިވެއެވެ.

ރޮސްކޮމޯސްގެ ލޫނާ-25 އަކީ އިންޑިއާއިން ހަނދަށް ފޮނުވާލި ޗަންދްރަޔާން-3 އާއި ވާދައަށް ފޮނުވާލި އުޅަނދެއްކަމަށް ބައެއް ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.

އިންޑިއާއިން ހަނދަށް ފޮނުވާލި ޗަންދްރަޔާން-3 މިމަހުގެ 23 ނޫނީ 24 ގައި ހަނދަށް ތިރިކުރުމަށް އެ ގައުމުން ވަނީ ތައްޔާރުވެފައެވެ.