އއ. މަތިވެރީގައި ފެނުގެ ނިޒާމް ގާއިމުކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ނިންމައި އިފުތިތާހުކޮށްފިއެވެ.

މަތިވެރީ ފެނުގެ ނިޒާމް އިފުތިތާހުކޮށްދެއްވީ، އެ ރަށުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެ މަޝްރޫއު ކުރިއަށްގެންދިޔަ އެމްޑަބްލިޔުއެސްސީން ބުނީ، އެ މަޝްރޫއުގެ ދަށުން މަތިވެރީގައި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތް ކުރާ ފެސިލިޓީ ބިލްޑިން ގާއިމްކޮށް، ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި އަދި ގޭގެޔަށް ފެނުގެ ކަނެކްޝަން ގުޅައިދީފައިވާ ކަމަށެވެ.

މީގެ އިތުރުން ފެން އުފެއްދުމަށްޓަކައި ފެންޕްލާންޓް ބަހައްޓައި ބޯހޯލް ތޮރުފައި އަދި ރިޖެކްޓް ލައިންވެސް އަޅާފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ފެން ރައްކާ ކުރުމަށްޓަކައި ފެން ތާނގި ބަހައްޓައި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ވެސް ވަނީ ފޯރުކޮށްދީފައެވެ.

މަތިވެރީ ފެނުގެ މަޝްރޫއުއަކީ 38.82 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.