ދަ ޑިމޮކްރެޓްސްގެ ވެރިކަމެއް ކޮރަޕްޝަނާ ބީރައްޓެހިވާނެ ކަމަށާއި އެ ޕާޓީގެ ވެރިކަމެއްގައި ޓެކްސް ކުޑަކުރާނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބްގެ ރަނިންމޭޓް ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސްގެ މެނިފެސްޓޯ، "ފަރުދީ ތަނަވަސްކަން، އަބުރުވެރި ހަޔާތެއް" އިފްތިތާހުކުރުމަށް ސަލްޓަން ޕާކުގައި މިހާރު ކުރިއަށްދާ ޖަލްސާގައި އަމްރު ވިދާޅުވީ، ޑިމޮކްރެޓްސްއިން ބޭނުން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ފުދުންތެރި އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ ގޮތެއް ހޯދައިދިނުމަށް ކަމަށެވެ.
އަމްރު ވިދާޅުވީ، ރަށްރަށުގައި ފެނާއި ނަރުދަމާ އެޅުމަކީ ވައުދުވާން ޖެހޭ ކަންކަމެއް ނޫން ކަމަށާއި އެއީ ކޮންމެ ވެރިކަމެއްގައިވެސް ރައްޔިތުންނަށް ކޮށްދޭން ޖެހޭ ކަންކަން ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މާލީ ސިޔާސަތަކީ "ދޯހަޅި" ސިޔާސަތެއްގެ ގޮތުގައި ފާހަގަކުރައްވައި އަމްރު ވިދާޅުވީ، އެކަމުން ރައްޔިތުންނަށް ލިބުނީ އިތުރު ނިކަމެތިކަމެއް ކަމަށެވެ. އެގޮތުން ޓެކްސް ބޮޑުކޮށްފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ވެރިކަމެއްގައި މާލީ ސިޔާސަތު ހަރުދަނާކޮށް ޓެކްސް ކުރާނަން" އަމްރު ވިދާޅުވިއެވެ،
އަމްރު ވިދާޅުވީ ޓެކްސް ބޮޑުކުރަން ޖެހެނީ ސަރުކާރުގެ ތެރޭގައި ކޮރަޕްޝަނާއި ވައްކަން އިންތިހާއަށް ބޮޑުވުމުން ކަމަށެވެ. އެގޮތުން މަޝްރޫއުތައް ހިންގަނީ ހަތަރު ގުނަ، ފަސް ގުނަ ބޮޑުކޮށް ކަމަށާއި ބައި އަޅަން ޖެހޭ މީހުންނާއި ބައި އަޅަން ޖެހޭ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ސަރުކާރަކީ ކޮރަޕްޝަނާއި ބީރައްޓެހި ސަރުކާރަކަށް ވެގެންދާނެ" އަމްރު ވިދާޅުވިއެވެ.
އަމްރު އިތުރަށް ވިދާޅުވީ، ބައެއް ކަހަލަގެ އިޖުތިމާއީ ބޮޑެތި މައްސަލަތައް ފެށިގެން އަންނަނީ ބޯހިޔާވަހިކަމުގެ ދަތިކަމުގެ ތެރެއިން ކަމަށާއި ޑިމޮކްރެޓްސްގެ ވެރިކަމެއްގައި ބޯހިޔާވަހިކަމަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އެގޮތުން ގޯއްޗެއް އޮންނަ ކޮންމެ މީހަކަށް އެ ގޯތީގައި ގެއެއް އިމާރާތްކޮށް ނިންމާލުމަށް ބޭނުންވާ ފައިސާ ހޯދޭނެ ގޮތްތައް ހަމަޖައްސައިދޭނެ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު