ދެކުނު ކޮރެއާގައި ފިލައިގެން އުޅުނު މިނިކާވަގެއްގެ ގަޔަށް ބަޑިޖަހައި މަރާލައިފިއެވެ.

ދެކުނު ކޮރެއާގެ އިރުދެކުނު ގޮރީޔޮންގައި ހުންނަ ފާމެއްގައި ކޮށްޓަކަށް ލައިގެން ގެންގުޅެނިކޮށް އެ މިނިކާވަގު ގެއްލިފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. ގެއްލުމާއެކު އެ ފާމުގެ ވެރިފަރާތުން ވަނީ އެކަން ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސް އެ ހޯދަން ފަށާފައެވެ.

ސަތޭކައަށްވުރެ ގިނަ ފުލުހުންނާއި ފަޔާފައިޓަރުންގެ އިތުރުން ޝިކާރަކުރާ މީހުން ނިކުމެ މިނިކާވަގު ހޯދުމުގެ މަސައްކަތް ފެށިއެވެ. މިނިކާވަގު ފިލާފައިވާ ހިސާބު ޖަންގަލިތަކުގައި ކޭމްޕު ކުރަމުންދިޔަ އެންމެން އެ ސަރަހައްދުން ނެރެ މިނިކާވަގު ހޯދުމުގެ މަސައްކަތް ފުޅާކުރިކަމަށް އޮފިޝަލުން ބުނެއެވެ.

މިނިކާވަގު ފެނިފައިވަނީ ޖަންގަލީގެ ގަސްތަކުގެތެރެއިން ކަމަށް ފުލުހުން ބުނެއެވެ. އަދި އޭތި މަރާލާފައިވަނީ ބަޑި ޖަހައިގެން ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

މިނިކާވަގު ފިލި ސަރަހައްދުގައި އެއްވެސް މީހަކަށް ހަމަލާދީފައި ނުވާކަމަށް ފުލުހުން ބުނާއިރު އެ ފެނުމުން ބަޑިޖަހާ މަރާލުން ގިނަ ބަޔަކު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކޮށް މީސް މީޑިއާގައި އެވާހަކަ ދައްކާފައެވެ.