ދިރާގުން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދިޔަ އީ-ސްޕޯޓްސް ކޮމްޕެޓިޝަން، ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓް ކާމިޔާބު ކަމާއެކު ނިންމާލައިފިއެވެ.

އެއް ލައްކަ ރުފިޔާގެ ޕްރައިޒް ޕޫލް އަކާއެކު ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އީ-ސްޕޯޓްސް މި އިވެންޓުގެ ޓޯނަމަންޓްގެ ގްރޭންޑް ފިނާލޭ ކުރިއަށް ގެންދިޔައީ ދިރާގު ހެޑް އޮފީހުގައި ސަޕޯޓަރުންނާއި އާންމުންނަށް މެޗުތައް ކުޅޭ ތަން ލައިވްކޮށް ބެލޭ ގޮތަށް ފޯރިގަދަ އިވެންޓެއްގެ ގޮތުގައެވެ.

ގްރޭންޑް ފިނާލޭ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވަނީ އީ-ސްޕޯޓްސް ސަގާފަތް ރާއްޖޭގައި ކުރިއެރުމަށް ދިރާގުން ތިބީ ތައްޔާރަށް ކަމަށް ވިދާޅުވެފައެވެ. އަދި އެ އިވެންޓަކީ އެ ކުންފުނިން ދިވެހި ގޭމިން ކޮމިއުނިޓީއަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ފެށުން ކަމަށްވެސް ވިދާޅުވިއެވެ.

ދިރާގު މޮބައިލް ލެޖެންޑްސް ކޮންކުއެސްޓްގެ ޗެމްޕިއަންކަން ހޯދީ ޓީމް ސްލީޕިން ފޮރެސްޓް އިންނެވެ. ދެވަނަ ލިބުނީ ޓީމް ވިގަނިއެވެ. އަދި މުބާރާތުގެ ތިންވަނަ ލިބުނީ ޓީމް އެސް.އެލް.އެފް.އޯ މެކްސިސްއެވެ.

ގްރޭންޑް ފިނާލޭ ކުރިއަށް ދިޔައިރު ދިރާގުން ވަނީ އެއް ދުވަހުގެ ފީފާ ޓޯނަމަންޓަކާއި އާންމުންނަށް ހުޅުވާލައިގެން ކުރިއަށްދިޔަ ތަފާތު ވީއާރު ކުޅިވަރު ތަކާއެކު ގޭމިން ފެސްޓެއްވެސް ދިރާގު ހެޑް އޮފީހުގައި ބާއްވައިފައެވެ. މި ފީފާ ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދާ ޕްލޭސްޓޭޝަން 5ގެ ގްރޭންޑް އިނާމު ލިބިފައިވަނީ މުހައްމަދު ޒަމީލް ޒިހުނީ އަށެވެ.