މިޔަންމާގައި މޫސުން ގޯސްވެ 40،000 އަށްވުރެން ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފިއެވެ.

މިޔަންމާއަށް ތޫފާން މޮޗާގެ އަސަރު ކުރަން ފެށުމާއެކު އެ ގައުމުގެ އެކި ހިސާބުތަކުގައި ވަނީ ފެންބޮޑުވުމުގެ އިތުރުން ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގަން ފަށާފައެވެ.

މިޔަންމާގެ އޮފިޝަލުން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން އެ ގައުމުގެ ދަނޑުވެރިކަމަށް ހާއްސަ ސަރަހައްދުތައްވެސް ފެނުއަޑީގައި ވާކަމަށް ބުނެފައެވެ.

މިޔަންމާއަށް ކޮންމެ އަހަރެއްގެ މިދުވަސްވަރަކީ ވިއްސާރަ ދުވަސްވަރެއްކަމަށް އެ ގައުމުގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވީނަމަވެސް މިއަހަރު ކުރަމުންދާ ވިއްސާރައަކީ މީގެ ކުރިން ތަޖުރިބާ ކޮށްފައިވާ ވިއްސާރައަށްވުރެން ބާރުގަދަ ވިއްސާރައެއްކަމަށް އެ އިދާރާއިން ބުނެއެވެ.

ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ޓީމުތައް އެގައުމުގެ އެކި ސަރަހައްދުތަކަށް ފޮނުވާފައިވާއިރު ހާލުގައި ޖެހޭ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އަސާސީ ތަކެތި ފޯރުކޮށްދިނުމަށް މިޔަންމާގެ ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ.

މިޔަންމާއަށް ކުރާ ވިއްސާރައިގައި ހިނގައި ހާދިސާތަކުގައި މިހާތަނަށް 5 މީހަކު މަރުވެފައިވާކަމަށް ވެސް އޮފިޝަލުން ބުނެއެވެ.