މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް މިދިޔަ އަހަރުގެ ބޯނަސްގެ ގޮތުގައި 25،000 ރުފިޔާ ދޭން ނިންމައިފިއެވެ.

އެ ކުންފުނިން މިއަދު ނެރުނު ސާކިއުލާގައި ބުނީ ބޯނަހުގެ ގޮތުގައި 25،000 ރުފިޔާ ލިބޭނީ މިދިޔަ އަހަރު އެއްކޮށް މަސައްކަތްކުރި މުވައްޒަފުންނަށް ކަމަށެވެ.

މިދިޔަ އަހަރުގެ ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ މުވައްޒަފުންނާއި މިދިޔަ އަހަރު ވަޒީފާއިން ވަކިވެފައިވާ މުވައްޒަފުންގެ ތެރެއިން ހަ މަސް ދުވަހު ނުވަތަ އެއަށްވުރެ ގިނަ ދުވަސް ވެފައިވާ މުވައްޒަފުނަށް ބޯނަސް ދޭން ނިންމައިފައި ވަނީ ވަޒީފާގައި އުޅުނު ދުވަހުގެ ނިސްބަތުން ކަމަށް އެ ސާކިއުލާގައި ބުނެފައިވެއެވެ.

ނަމަވެސް ޑިސިޕްލިނަރީ ޕޮލިސީގެ ދަށުން މިދިޔަ އަހަރު ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފުންނަށް ބޯނަހެއް ނުލިބޭނެއެވެ.

ސާކިއުލާގައި ބުނެފައިވާ ގޮތުން، މިދިޔަ އަހަރުގެ ބޯނަސް ފައިސާ އެންމެ ލަސްވެގެން އަންނަ އާދިއްތަ ދުވަހުގެ ކުރިން މުވައްޒަފުންގެ އެކައުންޓުތަކަށް ޖަމާކުރާނެއެވެ.

އެމްއޭސީއެލުން މިދިޔަ އަހަރުގެ އަހަރީ ބޯނަސްގެ ގޮތުގައިވެސް ދިނީ 25،000 ރުފިޔާއެވެ.