އދ. އޮމަދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއަށް ބޭނުންވާ އެއްގަމު ތޮށީގެ ފުރަތަމަ ޝިޕްމެންޓް ސައިޓަށް ގެންގޮސްފިއެވެ.

އޮމަދޫ ބަނދަރު ތަރައްގީކުރާ މަޝްރޫއުގެ މަސައްކަތްތައް ކުރާ އެމްޓީސީސީން މިއަދު ބުނީ އެ މަޝްރޫއަށް ބޭނުންވާ އެއްގަމު ތޮށީގެ ބްލޮކްގެ ފުރަތަމަ ޝިޕްމެންޓް މިހާރު ސައިޓަށް ގެންދެވިފައިވާ ކަމަށާއި ބަނދަރު ސައިޓުގައި މިހާރު އެއްގަމު ތޮށި ޖެހުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ.

އެ މަޝްރޫއުގެ ދަށުން، 49,765 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 12,105 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމަށް ހަމަޖެހިފައިވެއެވެ. އަދި 346 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 398 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަވެސް ވަނީ ހަމަޖެހިފައެވެ.

އޮމަދޫ ބަނދަރުގައި 1,6470 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބާ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، 150 މީޓަރުގެ ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމުގެ އިތުރުން ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

އެ މަޝްރޫއަކީ 66.96 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ. އޮމަދޫގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ 1999 ވަނަ އަހަރު ތަރއްގީކޮށްފައިވާ ބަނދަރަކަށް ވުމުން، މިހާރު އެ ބަނދަރުގެ 90 ޕަސަންޓް ހަލާކުވެފައިވާ ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތުދެއެވެ.

މިހާރު ބަނދަރުގެ ހާލަތު ހުރި ގޮތުން މޫސުމީ ހާލަތްތަކުގައި އޮޑިދޯނިފަހަރު ބަނދަރު ކުރުމުގައި ރައްކާތެރިކަން ކުޑަކަމަށް ފާހަގަކުރައްވައި އޮމަދޫ ކައުންސިލުގެ ރައީސް އިބްރާހިމް އާދިލް "ވަން" އަށް މިއަދު ވިދާޅުވީ ބަނދަރު ހެދުމަށްފަހު ކީ ވޯލް ތިލަވެގެން، ކަނޑުމަތީގެ އުޅަނދު ފަހަރުތަކަށް ލިބޭ ގެއްލުން ކުޑަވާނެ ކަމަށެވެ.

މިވަގުތު ރަށުގެ ތަރައްގީއަށް ކުރާ މަސައްކަތްތަކުގެ ތެރޭގައި ފެނުގެ ނިޒާމުގެ މަސައްކަތް ކުރިއަށްގެންދާ ކަމަށާއި އެކި ސަބަބުތަކާ ހުރެ މައި ހޮޅި ވަޅުލުމުގެ މަރުހަލާ މިވަގުތު މަޑުޖެހިފައިވީ ނަމަވެސް، ރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް ގާއިމުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އާދިލް ވިދާޅުވިއެވެ.

އާބާދީގައި 1184 މީހުން ދިރިއުޅޭ އޮމަދޫގައި އާންމުކޮށް ކުރާ މަސައްކަތުގެ ތެރޭގައި ބޮޑުކަންނެލީގެ މަސައްކަތާއި ލޯކަލް ޓުއަރިޒަމްގެ މަސައްކަތެވެ. އަދި ރަށުގައި ދިރިއުޅޭ އަންހެނުން އާމްދަނީ ހޯދުމަށް ކުރާ މަސައްކަތްތަކުގެ ތޭރެގައި ފަންގިވިނުމާއި ރޯނުވެށުން ފަދަ މަސައްކަތްތައް ހިމެނެއެވެ.