މާލެ ސަރަހައްދަށް ވަރަށް ބޮޑަށް އުދަ އަރައި، ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދުން ވެހިކަލް ތަކުގައި ދަތުރުކުރި ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.

ބްރިޖާއި ހައިވޭ ގުޅޭ ސަރަހައްދަށް ބޮޑު ރާޅެއް، އަރައި ސައިކަލުތަކާއި ކާރުތައް ރާޅާއެކު ދިޔައެވެ. އަދި އެ މަންޒަރު ފެންނަ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައިވެސް އާންމުވެފައެވެ. އެ ހާދިސާގައި މީހަކަށް ގެއްލުމެއްވި ކަމެއް މިހާތަނަށް އެނގިފަ ނުވެ އެވެ. އަދި މާލެއިން ހުޅުމާލެއަށް ދާ މަގަށްވެސް އުދަ އެރުމުގެ ސަބަބުން ވަނީ ވެއްޔާއި އަކިރި އަދި ބޮޑެތި ގާވެސް އެއްގަމަށް އަރައިފައެވެ.

ހުޅަނގު މޫސުމުގައި މަޖީދީ މަގު ހެންވޭރު ކޮޅާ ދިމާލުން އާންމުކޮށް އުދަ އަރައެވެ. މިއަދުވެސް އެންމެ ބޮޑަށް އުދަ އަރާފައިވަނީ އެސަރަހައްދަށެވެ. އެގޮތުން އެސަރަހައްދުން ދަތުރުކުރި ބައެއް އުޅަނދުތައް ރާޅާއެކު ކަހާލައިގެން ވެއްޓިފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް އަނިޔާވި ކަމެއް ސާފެއް ނޫނެވެ.

މީގެ އިތުރުން ބްރިޖް މަގު ހިމެނޭ މާލެ ސަރަހައްދުގައި ހަދާފައިވާ ކުޅޭ ކޯޓުތައް ކައިރީގައާއި އެ ސަރަހއްދުގައި ހަދާއިފައިވާ ސައިކަލް ޕާކިން އޭރިއާއަށްވެސް އުދައެރުމުގެ ސަބަބުން ވަނީ ފެންބޮޑުވެފައެވެ.

މީގެ އިތުރުން މާލެ ކައިރި ރަށްތަކަށްވެސް ދަނީ އުދަ އަރަމުންނެވެ. އެގޮތުން ހިންމަފުއްޓާއި މާފުއްޓަށްވެސް ވަނީ އުދަ އަރައިފައެވެ.

މީގެއިތުރުން ރާޅުގަނޑު ހިމެނޭ ސަރަހުއްދުގައި މޯލްޑިވްސް ބޯޑިންގް އެސޯސިއޭޝަނުން ކުރިއަށްގެންދާ ރަޅާ އެޅުމުގެ މުބާރާތްވެސް ވަގުތީ ގޮތުން މެނދު ކަނޑާލަންޖެހިފައިވާ ކަމަށް އެ އެ ސޮސިއޭޝަންގެ ރައީސް އަބްދުއްﷲ އަރީފު "ވަން' އަށް ދިން މައުލޫމަތުގައި ބުންޏެވެ.

މެޓް އޮފީހުން ވަނީ މިއަދު ހަވީރު 3:30 އިން 6:30އާ ދެމެދު ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދަށް ހުދު ސަމާލު ނެރެ، އެ ސަރަހައްދަށް އުދަ އަރާނެ ކަމަށް ލަފާކޮށްފައެވެ. އެގޮތުން ބޮޑު ދިޔައިގައި މޫދުގެ ލޮނުގަނޑު ބޮޑުވާ ވަގުތުތަކުގައި ރާޅުގެ އުސްމިން ތިން ފޫޓާއި ހަތަރު ފޫޓާ ހަމައަށް އުފުލޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ.