އެމެރިކާ އަދި އިނގިރޭސިވިލާތުގައި ޓިކްޓޮކް އަށް ލިބޭ ތަރުހީބް ދަނީ އާދަޔާ ހިލާފަށް ބޮޑު ވަމުންނެވެ. އޭގެ އެއް ސަބަބަކީ އެ ދެ ގައުމުގެ ސަރުކާރުން ޓިކްޓޮކް ދެކެ ގަންނަ ބިރުކަމަށް ވެދާނެއެވެ. އެމެރިކާ އަދި އިނގިރޭސިވިލާތުގައި ޓިކްޓޮކް ބަލާ ކުޑަ ކުދިން ދަނީ އިންތިހާއަށް އިތުރުވަމުންނެވެ. އެގޮތުން އިނގިރޭސިވިލާތުގައި އެންމެ ގިނަ ހަބަރާއި މައުލޫމާތު ހޯދުމަށް ބޭނުންކުރާ ޕްލެޓްފޯމަކީ ޓިކްޓޮކް ކަމަށް އިނގިރޭސިވިލާތުގައި ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އެގައުމުގެ މީޑިއާ ރެގިލޭޓާ އޮފްކޮމް އިން ކުރި ދިރާސާގެ ރިޕޯޓްގައި ވާގޮތުން، 12 އަހަރާއި 15 އަހަރާ ދެމެދުގެ ކުދިންގެ ތެރެއިން 28 އިންސައްތަ ހަބަރު ހޯދުމަށް ބަލަނީ ޓިކްޓޮކެވެ. މިއީ އެހެން ޕްލެޓްފޯމްތަކާ އަޅައި ބަލާއިރު އާދަޔާ ހިލާފަށް ބޮޑު އަދަދެކެވެ. މި ދިރާސާ މިގޮތަށް ދެއްކީ އެ ގައުމުގެ ސަރުކާރުން ޓިކްޓޮކާ ދެކޮޅަށް ފިޔަވަޅުތައް އަޅާފައިވާ ޑަނޑިވަޅެއްގައެވެ. އެގޮތުން އިނގިރޭސިވިލާތުގެ ސަރުކާރުގެ އެއްވެސް މޯބައިލް ފޯނަކުން ޓިކްޓޮކް ބެލުންވަނީ މަނާކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ރޫޓާސް އިންސްޓިޓިއުޓް ފޯ ދަ ސްޓަޑީ އޮފް ޖާނަލިޒަމްގެ ސީނިއާ ރިސާޗް އެސޯސިއޭޓް ނިކް ނިއުމޭން ވަނީ ސްކައި ނިއުސްއާ ވާހަކަ ދައްކައިފައެވެ. އޭނާ ބުނެފައިވަނީ ޓިކްޓޮކަކީ އާންމު ގޮތެއްގައި ލުއި އަދި މަޖާ ކަންކަމަށް ހާއްސަ އެޕެއްގެ ގޮތުގައި ފެނިފައި ވިޔަސް، ކޮވިޑްގެ ސަބަބުން އެކަމަށް ވަރަށް ބޮޑު ބަދަލެއް އައިސްފައިވާ ކަމަށެވެ.

މި އުމުރުގެ ކުދިން ހަބަރު އޮޅުން ފިލުވުމަށް ދެން އެންމެ ގިނައިން ބޭނުން ކުރަނީ ޔޫޓިއުބާއި އިންސްޓަގްރާމް ކަމަށް ދިރާސާއިން ދައްކައެވެ. އެއީ ބައިވެރިވި ކުދިންގެ 25 އިންސައްތައެވެ. ނަމަވެސް ދިރާސާގައި ބައިވެރިވި ކުދިންގެ ތެރެއިން ދެބަކުޅަ އެއްބައި ކުދިން ވަނީ އާންމު ކަންކަމުގެ ހަބަރުތަކަށް ޝައުގުވެރިކަން ނުހުންނަ ކަމަށް ބުނެފައެވެ.

ޓިކްޓޮކްގައި އުމުރު ފުރާތަކަށް އެކިއެކި ހަބަރުތަކާއި ވީޑިއޯތައް ފައްތަކަމުންދާ އިރު، ކުރިން އެކަން އޮތީ އެހެނެއް ނޫނެވެ. ކޮވިޑްގެ ދުވަސްވަރު ގިނަ ބަޔަކު އެވާހަކަ ވަރަށް ސީރިއަސްކޮށް ޓިކްޓޮކްގައި ދައްކަމުން ދިޔަ އިރު ގޭގައި ތިބެން ޖެހުމުން ފޫހިވެގެން އެކިއެކި ޓިކްޓޮކްތައް ބަލަން ވަގުތު ލިބުނެވެ. އެހެން ނަމަވެސް އެ ދުވަސްވަރު މާ އޮއްޓަރު ހުރި ހަބަރުތައް ޓިކްޓޮކަށް އައިސްފައި ނުވި ނަމަވެސް މިހާރު ވަނީ ބޮޑެތި ބަދަލްތަކެއް ގެނެސް އެކި އުމުރުގެ ކުދިން ބެލުމަށް އެކަށޭނަ ގޮތައް ބަދަލުތައް ގެނެސްފައެވެ.

އެހެން ކަމުން ކުޑަ ކުދިންނަށް ހުޅުވައިދޭ ޓިކްޓޮކް އެކައުންޓްތަކުގައި ރަނގަޅު އުފަން ދުވަސް ނުވަތަ އުފަންވީ އަހަރު ރަނގަޅަށް ބޭނުން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. އެހެން ނޫންނަމަ އުމުރާ ނުގުޅޭ އަޑާއި މަންޒަރު ފެނުމަކީ ވެދާނެ ކަމެކެވެ.