އުރީދޫ މޯލްޑިވްސްއަށް 18 އަހަރު ފުރުމުގެ މުނާސަބަތުގައި އެކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.

އުރީދޫން މިއަދު ވަނީ އޮފާތަކުގެ ތެރޭގައި އަންލިމިޓަޑް ސުޕަނެޓް ޕެކޭޖެއް ހިމެނެއެވެ. އެގޮތުން މުޅި މަހު 18 އެމްބީޕީއެސް ސްޕީޑާއެކު މެދުނުކެނޑި އިންޓަނެޓްގެ ހިދުމަތް ލިބޭ އިރު މި ޕްލޭންގެ އަގަކީ މަހަކު 599 ރުފިޔާއެވެ.

އުރީދޫން ބުނީ ޕްލޭން ފަރުމާކޮށްފައި ވަނީ މެދުކެނޑުމެއްނެތި، އިންޓަނެޓް ބްރައުޒިކޮށް، ސްޓްރީމްކޮށް އަދި ގޭމުކުޅޭ ފަރާތްތަކަށްވެސް އެކަށޭނަ ގޮތަށް ކަމަށެވެ.

އުރީދޫން ވަނީ އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކައިގެން ޑިސްކައުންޓު ލިބޭ އޮފާއެއް ވެސް ތައާރަފްކޮށްފައެވެ. އުރީދޫން ބުނީ ކޮންމެ މަހަކު ބިލް ދައްކަން ނުޖެހުމުގެ ލުއިފަސޭހައިގެ އިތުރުން ބޮޑެތި ޑިސްކައުންޓާއި ބޯނަސް ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެ ކަމަށެވެ.

އުރީދޫ އާޗާ ޕޯސްޓްޕެއިޑް އަދި ނެޓުހެޔޮ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް މިހާރު އެއްފަހަރާ ތިން މަހަށް، ހަ މަހާއި 12 މަހަށް ނުވަތަ 24 މަސް ދުވަހަށް ޕޯސްޓްޕެއިޑް ބިލް އެއްފަހަރާ ދެއްކޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ. އެއްފަހަރާ ގިނަ މަސްތަކަށް އުރީދޫ ޕޯސްޓްޕެއިޑް ބިލް ދައްކައިގެން ލިބޭ ޑިސްކައުންޓްތަކަކީ:

  • 3 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %5 ޑިސްކައުންޓް
  • 6 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %10 ޑިސްކައުންޓް
  • 12 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %15 ޑިސްކައުންޓް
  • 24 މަސް ދުވަހަށް ބިލް ދައްކާ ފަރާތްތަކަށް %20 ޑިސްކައުންޓް

މީގެ އިތުރުން މި ޕޭމަންޓް ޕްލޭން ހިޔާރުކުރާ ކަސްޓަމަރުންނަށް ތިން މަސް ދުވަހަށް ކޮންމެ މަހަކު 18 ޖީބީ ބޯނަސް ޑޭޓާވެސް ލިބޭނެއެވެ.

މީގެ އިތުރުން އުރީދޫން ވަނީ މުޅި މަހަށް އެއް ޓީބީ ޑޭޓާ، 100 އެމްބީޕީއެސް ސްޕީޑާއެކު 5ޖީ އެއާފައިބާގެ އައު ޕްލޭނެއްވެސް ތައާރަފުކޮށްފައެވެ. އެގޮތުން 5ޖީ އެއާފައިބާ މެދުވެރިކޮށް 100 އެމްބީޕީއެސް ސްޕީޑާއެކު 250 ޖީބީ ލިބޭ މި ޕްލޭނަކީ ކޮންމެ ހަފުތާއަކު 250 ރުފިޔާއަށް އެކްޓިވޭޓް ކުރެވޭ ޕްލޭނެކެވެ.

އުރީދޫން ބުނީ ގޭމިން ކޮމިއުނިޓީއަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މި ގޭމިން ޕެކް މެދުވެރިކޮށް ޕެކޭޖް އިންކްލޫސިވް ޑޭޓާ އެއްކޮށް ބޭނުން ކުރުމަށް ފަހުވެސް އިންޓަނެޓްގެ ހިދުމަތް މެދުނުކެނޑި ލިބިގެންދާނެ ކަމަށެވެ.

ބައިނަލްއަގުވާމީ ޕްލެޓްފޯމްތަކާ ދިވެހި މުޖުތަމައު ގުޅާލުމަށް އުރީދޫއިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން، އުރީދޫން ވަނީ މިއަދު ގޭމް ކުޅޭ މީހުންނަށް ހާއްސަކޮށް "ނޭޝަން އުރީދޫ ގޭމް ކްލަބް" އެއް ވެސް ތައާރަފްކޮށްފައެވެ. އުރީދޫ ނޭޝަން ވެބްސައިޓް މެދުވެރިކޮށް ވަދެވޭ މި ގޭމްސް ކްލަބްގައި، ޑިޒްނީ ބްރޭންޑްގެ ގޭމްތަކުގެ ހިތްގައިމު ކަލެކްޝަނަކާ އެކު 100 އަށްވުރެ ގިނަ ގޭމުތައް ހިމެނެއެވެ. ވަރަށް ހެޔޮ އަގެއްގައި މި ހިދުމަތް ލިބޭ އިރު، ކަސްޓަމަރުންނަށް ޑެއިލީ، ވީކްލީ އަދި މަންތްލީ މި ޕްލޭންތައް ނެގޭނެ ކަމަށްވެސް އުރީދޫން ބުންޏެވެ. އެގޮތުން:

  • ޑެއިލީ ސަބްސްކްރިޕްޝަނަށް: 24 ގަޑިއިރަށް 2 ރުފިޔާ
  • ވީކްލީ ސަބްސްކްރިޕްޝަނަށް: 7 ދުވަހަށް 10 ރުފިޔާ
  • މަންތްލީ ސަބްސްކްރިޕްޝަނަށ: 30 ދުވަހަށް 20 ރުފިޔާ

ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރީޕެއިޑް ބެލެންސް މެދުވެރިކޮށް ސަބްސްކްރިޕްޝަން ފީ ދެއްކޭ އިރު، ސަބްސްކްރިޕްޝަން ފީ ޕޯސްޓްޕެއިޑް ބިލަށްވެސް އެއްކޮށްލެވޭނެއެވެ. މި ޕެލެޓްފޯމަށް ސަބްސްކްރިބް ކުރާ ފަރާތްތަކަށް އޮޓޯއިން ސަބްސްކްރިޕްޝަން އާ ވާ ގޮތަށްވެސް ހަދާލެވޭނެ ކަމަށް އުރީދޫން ބުންޏެވެ.

އުރީދޫއަށް 18 އަހަރު ފުރުމާ ގުޅިގެން މިއަދު ހ. މީރުމާ މާލަމުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ސީއިއޯ ހާލިދު އަލް ހާމާދީ ވިދާޅުވީ އެކުންފުނީގެ ދިރުންތައް އަހަރުން އަހަރަށް އިތުރަށް ފުޅާވަމުންދާ ކަމަށެވެ. އަދި މިހާރު އުރީދޫން އިސްނަގައިން ކުރިއަށް ގެންދާ މި ހިދުމަތުގައި ރާއްޖޭގައި ޑިޖިޓަލް މީޑިއާތައް ކުރިއަފާއިވާ މިންވަރު ދެނެގަނެ އެކަން އަދި މިހާރަށް ވުރެންވެސް ލުއިފަސޭހަ ގޮތްތަކަކަށް އުރީދޫގެ ކަސްޓަމަރުންނަށް ވާސިލުކޮށްދޭނެ މަގުތައް އެކުންފުނިން އަބަދުވެސް ހޯދަމުން، ރައްޖެއަށް ތައާރަފު ކުރުމަށް މަސައްކަތް ކުރަމުންގެންދާ ކަމަށްވެސް ވިދާޅުވިއެވެ.