ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން މާލީ ފުއްދުންތެރިކަން ނެތް މީހުންނަށް ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަ މަހު އެއްވަނަ ދުވަހުން ފެށިގެން ފެށުމަށް ފެމިލީ އެންޑް ޕްރޮޓެކްޝަން އޮތޯރިޓީން ހަމަޖައްސައިފިއެވެ.
ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ގެވެށިއަނިޔާގެ ގާނޫނަށް ބަދަލު ގެނައުމުގެ މައިގަނޑު މަގުސަދަކީ ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހަރަދު ކުޑަކޮށް، އަވަސް މިނެއްގައި އަދި ލުއިފަސޭހަ މަރުހަލާއެއްގެ ތެރެއިން އިންސާފު ހޯދައި ދިނުން ކަމަށެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަކީ ޖިސްމާނީ ގޮތުންނާއި ނަފުސާނީ ގޮތުން ފުންއަސަރުތަކެއް ކުރާ ބަޔަކަށް ވީހިނދު، މި ކަހަލަ ފަދުރުންނަށް އަަވަސް ނިޔާއެއް ހޯދައި ދިނުމަކީ ގާނޫނުން އެމީހުނަށް ލިބިދޭ ހައްގެއް ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.
އެ މީހުންނަށް ވީހާވެސް އަވަސް އިންސާފުވެރި ނިންމުންތަކެއް ނިންމަންޖެހޭކަން ފެމިލީއެންޑް ޕްރޮޓެކްޝަން އެޖެންސީން ފާހަގަކޮށް އެކަންކަން ހާސިލު ކުރުމަށްޓަކައި ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން ފުއްދުންތެރިކަން ނެތް މީހުން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދެފިނަމަ، އެފަރާތްތަކަށް ގާނޫނުގައިވާ ގޮތުގެ މަތިން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ ހިދުމަތް މާދަމާއިން ފެށިގެން ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ނޫސްބަޔާނުގައިވެއެވެ.
ފާއިތުވެދިޔަ 11 އަހަރު ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންނަށް އިންސާފު ހޯދައި ދިނުމަށްޓަކައި އެކި އިދާރާތަކުންނާއި އަމިއްލަ ޖަމިއްޔާތަކުން ވަނީ މަސައްކަތް ކޮށްފައެވެ.
ނަމަވެސް ގާނޫނު ނަމްބަރު 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގެވެށި އަނިޔާގެ ޝިކާރައަކަށް ވާ މީހުންގެ ތެރެއިން ފޯރުންތެރިކަން ނެތް ފަރާތްތަކަށް ދައުލަތުގެ ފަރާތުން ގާނޫނީ ވަކީލެއްގެ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ކުރެވިފައި ހުރި މަސައްކަތް މަދުކަން ނޫސް ބަޔާނުގައިވެއެވެ.
މީގެ އިތުރުން ގެވެށި އަނިޔާގެ ޝިކާރަކަށްވާ ފަރުދުންނަށް އަދުލު އިންސާފާ ހިސާބަށް ވާސިލުވުމަށް ގިނަ ގޮންޖެހުންތަކެއް ހުރިކަން ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީން ފާހަގަކުރެއެވެ. އަދި އެފަދަ ފަރާތްތަކަށް ގާނޫނުން ލިބިދޭ ރައްކާތެރިކަން ފޯރުކޮށްދީ، މުޖުތަމައުގައި އަމާންކަމާއެކު އެފަދަ ފަރާތްތަކަށް ދިރިއުޅުމުގެ މަގުފަހި ކުރުމުގެ ގޮތުން އެކަށީގެންވާ އަވަސްމިނެއްގައި އަދުލު އިންސާފު ހޯދައި ދިނުމުގެ މަގު ތަނަވަސް ކުރުމަކީ ގާނޫނުން ދައުލަތުގެ މައްޗަށް މަތިކުރެވިފައިވާ ޒިންމާއެއް ކަމަށްވެސް ނޫސްބަޔާނުގައި ވެއެވެ.
ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކުގެ ތެރެއިން ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް، އެކަމަށް ހާއްސަކުރެވިފައިވާ ފޯމު ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު