ބ. މާޅޮހު ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު އަންނަ މަހު ފަށާނެ ކަމަށާއި މަޝްރޫއަށް އިތުރު ބަދަލެއް ގެންނަން ނުޖެހޭ ނަމަ އެ މަޝްރޫއު 18 މަސްތެރޭ ނިންމާލެވޭނެ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ބ. އަތޮޅުގެ ރަށްތަކުގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް އާޒިމް މި ހަފުތާ ތެރޭގައި ކުރެއްވި ދަތުރުގެ ތެރެއިން މާޅޮހަށް ވަޑައިގެން އެ ރަށުގެ ބަނދަރު އޮތް ހާލަތު ވަނީ ބައްލަވާލައްވައިފައެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން ކައުންސިލާ މަޝްވަރާ ކުރެއްވުމަށްފަހު މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ މާޅޮހު ރައްޔިތުން ތިބީ މި މަޝްރޫއު އަވަހަށް ފަށަން ބޭނުންވެފައި ކަމަށާއި ކައުންސިލާ ވާހަކަދެއްކުމުންވެސް އެކަން ފާހަގަކުރެވުނު ކަމަށެވެ. އަދި އަމަލީ މަސައްކަތް ފެށުމުގެ ކުރިން ހަދަންޖެހޭ އީއައިއޭގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށާއި އީއައިއޭ ނިމޭތާ ހަފުތާއެއް ތެރޭ މަސައްކަތް ފެށުމަށް ތައްޔާރުވާނެ ކަމަށް ވިދާޅުވިއެވެ.

"މި ރަށުގެ ތޮށިގަނޑު މި އޮތް ހާލަތުން ކޮންމެ ފަދަ އަނިޔާއެއްވެސް ކޮންމެ ގޮތެއްގައިވެސް މީހަކަށް ވެދާނެ. ސަރުކާރުން ބޭނުންވޭ ރަށްރަށުގެ ބަނދަރުތަކަކީ އެންމެ ފުރިހަމަކޮށް ހަދައި ނިމިފައި ހުރި ބަނދަރުތަކަށް ހަދައިދޭން. މި ރަށުގެ ބަނދަރު އެކަންޏެއް ނޫން. މުޅި ރަށް ވަށައިގެން ހިމާޔަތް ކުރުންވެސް އެބަ އޮތް މަޝްރޫއުގައި ހިމެނިފައި،" އާޒިމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މުޅި ރަށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް މަޝްރޫއުގެ ތެރޭގައި ހިމަނާފައިވާތީ، ބަނދަރުގެ އީއައިއޭއާއި ޕްރޮޓެކްޝަން އީއައިއޭ އެއްކޮށް ހަދަން ނިންމާފައިވާ ކަމަށެވެ. އަދި އީއައިއޭގެ މަސައްކަތް އޮގަސްޓް މަސް ތެރޭގައި ނިންމާލެވޭނެ ކަމަށާއި މަޝްރޫއުގެ ޕްލޭނަށް އިތުރު ބަދަލެއް ނާންނަ ނަމަ، 18 މަސް ތެރޭގައި ބަނދަރުގެ މަސައްކަތް ނިންމައި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް އަށް މަސް ތެރޭގައި ނިންމަން އަމާޒުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

މާޅޮހުގައި މިހާރު ބޭނުންކުރަމުން އަންނަ ބަނދަރަކީ 1999 ވަނަ އަހަރު އަމިއްލަ ފަރާތެއްގެ އެހީތެރިކަމާއެކު އެ ރަށު ރައްޔިތުން ހެދި ބަނދަރެކެވެ. ފަތުރުވެރިކަމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މާޅޮހު ބަނދަރުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާއިރު އެއްގަމު ތޮށި ހަލާކުވެ ތޮށި ކައިރިން މޫދަށް ވެލި ދަމައިގެންގޮސް، އެ ސަރަހައްދުގައި ބޮޑެތި ވަޅުގަނޑުތައް ހުރީ ހެދިފައެވެ.

މާޅޮހަށް ލަފާ ފޭބުމަށް ދިމާވެފައިވާ ދަތިކަން ހައްލުކުރުމަށް އެ ރަށު ބަނދަރު މަރާމާތު ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ މާޗް މަހުއެވެ. ޖުމުލަ 69.47 މިލިއަން ރުފިޔާގެ މި މަޝްރޫއުގެ ދަށުން 700 ފޫޓްގެ ދިގު ބަނދަރެއް ތަރައްގީކޮށް ބަނދަރު ހިމެނޭ ސަރަހައްދުގައި ޕޭވްމަންޓް ހަދައި، ނެރު ބައްތިއާއި ބަނދަރު ބައްތި ޖަހާ ބޭރު ތޮއްޓެއް ލުމަށް ވަނީ ހަމަޖެހިފައެވެ.