ބ. ހިތާދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ މަޝްރޫއުގެ ކޮންޓްރެކްޓަރު، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްގެން ހިތާދޫގައި ދެ މަޝްރޫއެއް ކުރިއަށްގެންދެއެވެ. އެއީ އެ ރަށު ބަނދަރު ތަރައްގީ ކުރުމާއި ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުއެވެ. ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ނޮވެމްބަރު 8، 2021ގައެވެ. ވިހި މިލިއަން ރުފިޔާގެ އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.

ބ. އަތޮޅުގެ ރަށްތަކުގައި އެމްޓީސީސީން ކުރިއަށްގެންދާ މަޝްރޫއުތައް ބައްލަވާލެއްވުމަށް ކުރެއްވި ދަތުރުގެ ތެރެއިން ހިތާދޫއަށް ވަޑައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އާޒިމް ވިދާޅުވީ އެ ރަށު ބަނދަރު މަޝްރޫއަކީ ފުދޭވަރަކަށް ރަނގަޅު ސްޕީޑެއްގައި ކުރިއަށް ގެންގޮސްފައިވާ މަޝްރޫއެއް ކަމަށެވެ. ނަމަވެސް މިދިޔަ ދުވަސްތަކުގައި މޫސުން ގޯސްވުމާއި އެމްޓީސީސީގެ ބާޖުތަކަށް ދިމާވި އެކި މައްސަލަތަކާ ގުޅިގެން މަޝްރޫއުތަކަށް ބޭނުންވާ ބައެއް ސާމާނު ގެންދިއުމުގައި ދަތިތަކާ ކުރިމަތިވި ކަމަށެވެ.

ނަމަވެސް އަންނަ މަހު އެ މަޝްރޫއަށް ބޭނުންވާ ހިލަ އެ ރަށަށް ގެންދަން ފެށޭނެ ކަމަށް ވިދާޅުވިއެވެ.

"ބަނދަރު މަސައްކަތުގެ ނުނިމި އޮތް ބައި ނުނިންމައި އެ އޮންނަނީ އަޅުގަނޑުމެން މިތާ ޑްރެޖިން ހަދާއިރު އެ ދިމާލުން ބާޖު އެއްޗެހި ކައިރިކޮށް ހަދާނީ. އެދެން ގާތްގަނޑަކަށް އެންމެ ދުވަހެއްގެ މަސައްކަތް. މި ޕްރޮޖެކްޓް ނިންމާލުމަށްޓަކައި އަޅުގަނޑުމެން މި ގަސްތު ކުރަނީ އޮކްޓޯބަރުގެ ނިޔަލަށް" އާޒިމް ވިދާޅުވިއެވެ.

އާޒިމް އިތުރަށް ވިދާޅުވީ ބަނދަރު މަޝްރޫއުގެ ބާކީ ހުރި މަސައްކަތް ކުރަމުންދާއިރު އެ ރަށު ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ގިރާ ސަރަހައްދުގެ އީއައިއޭ ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި އޮގަސްޓު މަހުގެ ނިޔަލަށް އީއައިއޭ ހަދައި ނިމޭނެ ކަމަށް ވިދާޅުވިއެވެ.

"އީއައިއޭ މަރުހަލާއަކީވެސް ގާތްގަނޑަކަށް 3 މަސް، 4 މަސްވާ ކަމެއް. މި ބަނދަރުގެ މަސައްކަތް ނިމިގެން އަޅުގަނޑުމެން ހުއްޓާނުލާ އެކީ އެކައްޗަކަށް މި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ނިންމާލުމަށް އަޅުގަނޑުމެން ޕްލޭން ކޮށްފައި މި ވަނީ" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މި ދެ މަޝްރޫއުގެ މަސައްކަތް މިހާރު ހުރި ސްޕީޑަށް ބަލާއިރު އަންނަ އަހަރުގެ ޖެނުއަރީއަށް ހުރިހާ މަސައްކަތެއް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ހިތާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޭޕްރީލް 11 ވަނަ ދުވަހުއެވެ. ޖުމުލަ 16.96 މިލިއަން ރުފިޔާގެ އެ މަޝްރޫއު 180 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ އެއްބަސްވެފައެވެ. އެ މަޝްރޫއުގެ ދަށުން 7،800 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލި އަޅައިގެން ގޮނޑުދޮށް ހެދުމާއި 610 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި 230 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެއެވެ.