އިންޑިއާ ފުލުހުން، ރޮހިންޔާ ރެފިއުޖީންގެ 74 މީހަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ފުލުހުން ބުނެފައިވާ ގޮތުގައި އެމީހުން ހައްޔަރުކޮށްފައިވަނީ އެގައުމުގެ އުތުރުން އޮންނަ އުއްތަރަ ޕްރަދޭޝްގައި ގަވާއިދާ ހިލާފަށް ދިރިއުޅެމުންދިއުމުންނެވެ.

އިންޑިއާ ފުލުހުން ބުނީ ހައްޔަރު ކުރި މީހުން ހައްޔަރުކޮށްފައިވަނީ އެ ސްޓޭޓްގެ ހަ ސަރަހައްދަކުން ކަމަށާއި ހައްޔަރު ކުރި މީހުންގެ ތެރޭގައި 18 އަހަރު ނުފުރޭ 10 ކުދިން ތިބި ކަމަށެވެ.

އުއްތަރަ ޕްރަދޭޝްގައި ދިރިއުޅެމުންދިޔަ މީހުން ދިޔައީ އިންޑިއާގައި ރެފިއުޖީންގެ ގޮތުގައި ރަޖިސްޓްރީވުމަށް ޑިމާންޑު ކުރަމުން ކަމަށެވެ. އަދި އެމީހުންގެ ސަބަބުން އެ ސްޓޭޓްގެ އާންމުންގެ ޝަކުވާ އަންނަން ފެށުމުން ހައްޔަރުކުރީ ކަމަށް އިންޑިއާ ފުލުހުން ބުންޏެވެ.

މިޔަންމާގެ ހާލަތު ގޯސްވުމާއެކު އެގައުމުގެ އެތަކެއް ހާސް މީހުން ވަނީ އަމިއްލަ ގައުމު ދޫކޮށް އަވަށްޓެރި ބަންގުލަދޭޝްގެ އިތުރުން އިންޑިއާއަށް އެތެރެވެފައެވެ.