ހއ. ތަކަންދޫން މުހައްމަދު ޖަމްޝަތު (ވަން އޮންލައިން)

މި ރަށު ރައްޔިތުން އެދުނު ގޮތަށް ރަށުގެ ބަނދަރު ބޮޑުކޮށް އިޖުތިމާއީ މަރުކަޒެއް ގާއިމުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު މި ރަށަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭއްވި ކަންމަތީ ޖަލްސާގައި ރައީސް ވިދާޅުވީ ތަކަންދޫއަކީ އެމްޑީޕީން އިސްލާހީ މަސައްކަތް ފެށީއްސުރެ އެ މަސައްކަތުގައި ދެގޮތެއް ނުވެ އެ ޕާޓީއާއެކު ދެމި އޮތް އެމްޑީޕީގެ ރަށެއް ކަމަށެވެ.

އަދި އުފާވެރި އަމާން ރާއްޖެއެއް ރައްޔިތުންނަށް ހޯދައިދިނުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށާއި އެކަމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ ރާއްޖޭގައި ހަމަޖެހުމާއި އަމާންކަން ގާއިމުކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، މިރަށުގެ ނެރު ބަދަލުކުރުމުގެ މަޝްރޫއު މިއަދު އެމްޓީސީސީއާ ހަވާލުކޮށްފައިވީ ނަމަވެސް ރަށުގެ ބަނދަރު ބޮޑުކޮށް ދިނުމަށް ރައްޔިތުން އެދިފައިވާތީ ނެރު ބަދަލުކުރުމުގެ މަޝްރޫއާ އެކު ރަށުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އަދި މިރަށުގެ ރައްޔިތުން އެދުނު ގޮތައް އިޖުތިމާއީ މަރުކަޒެއް ހަދައިދޭނެ ކަމަށާއި އެކަމުގެ ކޮންސެޕްޓް މަސައްކަތް މިހާރު އޮތީ ފުރިހަމަވެފައި ކަމަށްވެސް ވިދާޅުވިއެވެ.