އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ނިއުޒިލެންޑާއި އޮސްޓްރޭލިޔާގައި މި ހަފުތާގައި ފަށާއިރު ކުޅުންތެރިންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ އިނާމު ފައިސާ ދިނުމުގައި ފީފާއިން އަންހެނުންނާއި ފިރިހެނުންގެ ފުޓްބޯޅަ ތަފާތުކުރާ ކަމުގެ ޝަކުވާއެވެ. މި ޝަކުވާ އެންމެ ބޮޑަށް ކުރަނީ އަންހެނުންގެ ފުޓްބޯޅައިގެ އެންމެ ބޮޑު ބާރުކަމަށްވާ އެމެރިކާގެ ކުޅުންތެރިންނެވެ. އިނާމު ފައިސާގެ ކަންތަކުގައި އަންހެނުންގެ ފުޓްބޯޅަ ފީފާއިން ތަފާތުކުރާ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެއީ ވަރަށް ކުރީއްސުރެ އަންހެން ކުޅުންތެރިންގެ ޝަކުވާއެކެވެ. ކުރިއަށްމިދާ ޖުލައި މަހުގެ ވިހިން އޮގަސްޓް މަހުގެ ވިއްސަށް ދެމިގެންދާ އަންހެނުންގެ ވޯލްޑްކަޕުން މިފަހަރު ޖުމްލަ ބައްތިރީސް ގައުމު ފެންނާނެއެވެ. އަދަދު އިތުރުވީމާ ފައިސާގެ ވާހަކަވެސް ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
އެންމެ ފަހުން 2019 ވަނަ އަހަރު ފްރާންސްގައި ބޭއްވުނު ވޯލްޑްކަޕުގައި ވާދަކުރީ 24 ގައުމެވެ. އެއަށްވުރެ މިފަހަރު 8 ގައުމު އިތުރެވެ. ވޯލްޑްކަޕްގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުކުރުމާއެކު މި ޓީމުތަކަށް މިފަހަރު ބަހަން ބަޖެޓް ކުރެވިފައިވާ ފައިސާގެ އަދަދުވެސް ފީފާގެ ފަރާތުން ވަނީ ބޮޑުތަނުން އިތުރުކޮށްފައެވެ. އިނާމު ފައިސާގެ ގޮތުގައި މި ވޯލްޑްކަޕަށް ފީފާއިން ކަނޑައަޅާފައިވާ އަދަދަކީ 110 މިލިޔަން ޑޮލަރެވެ. މިއީ އެންމެފަހުން ބޭއްވުނު އަންހެނުންގެ ވޯލްޑްކަޕުގައި ވާދަކުރި ސައުވީސް ޓީމަށް ބަހައިލި އަދަދުގެ ތިންގުނަ ބޮޑު އަދަދެކެވެ. އެކަމަކު އަދިވެސް ފިރިހެނުންގެ ވޯލްޑްކަޕުގައި ބެހި އަދަދާ ގާތެއްވެސް ނުކުރެއެވެ. އަދިވެސް އަންހެނުންގެ ވޯލްޑްކަޕް ބަޖެޓް އުޅެނީ ފިރިހެނުންގެ ވޯލްޑްކަޕްގެ ބަޖެޓަށްވުރެ ވިހި އަހަރު ފަހަތުގައެވެ.
ހުސްވި ދެހާސްބާވީސް ވަނަ އަހަރު ގަތަރުގައި ބޭއްވުނު ފިރިހެނުންގެ ވޯލްޑްކަޕުގައި ވާދަކުރި ޓީމުތަކަށް އިނާމު ފައިސާގެ ގޮތުގައި ފީފާއިން 440 މިލިޔަން ޑޮލަރު ބަހާފައިވެއެވެ. އެހެންވީމާ އަދަދުތަކަށް ބަލައިފައި އަދިވެސް ޝަކުވާކުރަން އަންހެން ކުޅުންތެރިންނަށް ފުރުސަތު އެބައޮތެވެ. އަންހެނުންގެ ވޯލްޑްކަޕުގައި މިފަހަރު ވާދަކުރާ ޓީމުތަކުގެ ތެރެއިން އެންމެ ގިނަ ފައިސާ ލިބޭނީ ކުރިންވެސް އަމަލުކުރަމުން އަންނަ އުސޫލުގެ ދަށުން ޗެމްޕިއަން ޓީމަށެވެ. ޗެމްޕިއަން ޓީމަށް ޖުމްލަ 10.5 މިލިޔަން ޑޮލަރު ލިބޭނެއެވެ. އެއީ ކުޅުންތެރިންނަށް 6.21 މިލިޔަން ޑޮލަރާއި އެސޯސިއޭޝަނަށް 4.29 މިލިޔަން ޑޮލަރެވެ. ގަތަރުގައި އެންމެ ފަހުން ބޭއްވި ފިރިހެނުންގެ ވޯލްޑްކަޕްގެ ޗެމްޕިއަން އާޖެންޓީނާއަށް އިނާމު ފައިސާގެ ގޮތުގައި ޖުމްލަ 42 މިލިޔަން ޑޮލަރު ލިބުނެވެ.
ލިއޯ މެސީގެ އާޖެންޓީނާއަށް ލިބުނު 42 މިލިޔަން ޑޮލަރަކީ އޭގެކުރިން ރަޝިޔާގައި 2018 ވަނަ އަހަރު ބޭއްވުނު ވޯލްޑްކަޕް ކާމިޔާބުކުރި ކީލިއަން އެމްބާޕޭގެ ފްރާންސަށް ލިބުނު އަދަދަށްވުރެ ހަތަރު މިލިޔަން ޑޮލަރު އިތުރު އަދަދެކެވެ. ފިރިހެނުންގެ ވޯލްޑްކަޕުގެ އިނާމު ފައިސާއަށް ބޮޑު ބަދަލެއް އައިސްފައިވަނީ 2006 ވަނަ އަހަރުން ފެށިގެންނެވެ. އޭގެކުރިން ޗެމްޕިއަން ޓީމަށް ލިބެމުން އައީ ދިހަ މިލިޔަން ޑޮލަރަށްވުރެވެސް ކުޑަ އަދަދެކެވެ. މީގެ އެކާވީސް އަހަރުކުރިން 2002 ވަނަ އަހަރުގެ ވޯލްޑްކަޕް ކާމިޔާބުކުރި ރޮނާލްޑޯ ނަޒާރިއޯގެ ބްރެޒިލްއަށް އިނާމު ފައިސާގެ ގޮތުގައި ފީފާއިން ދީފައިވަނީ 8 މިލިޔަން ޑޮލަރެވެ. އެއީ މިފަހަރު އަންހެނުންގެ ވޯލްޑްކަޕް ޗެމްޕިއަނަށް ދިނުމަށް ހަމަޖެހިފައިވާ އަދަދަށްވުރެވެސް ކުޑަ މިންވަރެކެވެ. އެއީ މީގެ އެކާވީސް އަހަރު ކުރިއެވެ.
އަންހެން ކުޅުންތެރިން އެދިފައިވަނީ ހަމައެކަނި އިނާމު ފައިސާ އިތުރުކުރުމަކަށް ނޫނެވެ. ކުޅުންތެރިންނަށް އިނާމު ފައިސާގެ ތެރެއިން ބޮޑުބައެއް ލިބޭނެކަން ކަށަވަރު ކުރުމަކީވެސް އެދުމެކެވެ. މިހާތަނަށް އިނާމު ފައިސާ ދެމުންއައީ ގަނޑުކޮށް އެތަނެއްގެ ފުޓްބޯޅަ އެސޯސިއޭޝަނަށެވެ. އެސޯސިއޭޝަނުން ބައެއްފަހަރު ކުޅުންތެރިންނަށް ލޯލާރިއެއްވެސް ނުދެއެވެ. އެހެންވީމާ ފީފާއިން މިފަހަރު ނިންމާފައިވަނީ ކޮންމެ ޓީމަކަށްދޭ ފައިސާގެ ތެރެއިން ބޮޑުބައި ސީދާ ކުޅުންތެރިންގެ އެކައުންޓަށް ޖަމާކުރުމަށެވެ. މިއީ މިފަހަރު އަލަށް ކުރާ ކަމެކެވެ. ފުރަތަމަ ބުރުން ކަޓާ ޓީމުތަކުގެ ކުޅުންތެރިންނަށްވެސް މިފަހަރު މީހަކަށް ތިރީސްހާސް ޑޮލަރު ފީފާއިން ދޭނެއެވެ. ނޮކައުޓް ބުރުން ފެށިގެން މިއަދަދު އިތުރު ކުރަމުންގޮސް ޗެމްޕިއަން ޓީމުގެ ކޮންމެ ކުޅުންތެރިއަކަށް ދެލައްކަ ހަތްދިހަހާސް ޑޮލަރު ލިބޭނެއެވެ.
މިފަހަރުގެ ވޯލްޑްކަޕުގައި 32 ޓީމުން 736 ކުޅުންތެރިން ފެންނައިރު އެންމެ މަދުން ލިބޭ ކުޅުންތެރިޔަކަށްވެސް ތިރީސްހާސް ޑޮލަރު ކަށަވަރުވުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެހެނީ ފީފާގެ ތަފާސްހިސާބުތައް ބުނާގޮތުން އަންހެން ފުޓްބޯޅަ ކުޅުންތެރިންގެ އެވަރެޖް އާމްދަނީއަކީ ފުޓްބޯޅަ ކުޅެގެން އަހަރަކު ސާދަހާސް ޑޮލަރެވެ. ގިނަ ތަންތާގައި އަންހެނުންގެ ޕްރޮފެޝަނަލް ލީގެއްވެސް ނޯވެއެވެ. ކުލަބްތަކުން މުސާރައެއްވެސް ނުލިބެއެވެ. ފީފާގެ އުންމީދަކީ މިކަންކަމަށް މަޑުމަޑުން ބަދަލު ގެނައުމެވެ. އަދި އެންމެފަހުން ފިރިހެނުންގެ ފުޓްބޯޅަޔާ އެއްހަމަޔަކަށް އަންހެނުންގެ ފުޓްބޯޅަވެސް ގެންދިއުމެވެ. އެކަމަކު އެއްކޮށް ތަފާތު ނައްތާލައި އެއް ތިލަފަތަކުން އުޖޫރަޔާއި އިނާމު ދެވޭނެ ދުވަހެއް ބުނަން ފީފާއާއި ފީފާގެ ރައީސް ޖިއާންނި އިންފަންޓީނޯއަކަށްވެސް އަދި ނޭނގެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު