ދުނިޔޭގެ އެންމެ މޮޅު އަދި އެންމެ ވަރުގަދަ ފުޓްބޯޅަ ޓީމަކީ ކޮބައިކަމާމެދު އަބަދުވެސް ބަހުސްކުރެވޭނެއެވެ. އެކި މީހުންގެ ޚިޔާލު ތަފާތުވާނެއެވެ. ފީފާގެ ރޭންކިންއަކީވެސް އެންމެ ފުރިހަމަ އެއްޗަކަށް ނުވެ ހިނގައިދާނެއެވެ. އެކަމަކު އެއީ މިވަގުތު އެންމެ ރަނގަޅު ފޯމެއްގައި ތިބި ޓީމުތައް ވަކިކޮށް ދެނެގަތުމަށް މުހިއްމު އެއްޗެކެވެ. ކޮންމެ ބޮޑު މުބާރާތެއް ބޯމަތިވެގެން އަންނައިރު ފީފާގެ ރޭންކިންއަށް ބަލައިލެވެނީ އެހެންވެގެންނެވެ. މި ހަފުތާގައި އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް ނިއުޒިލެންޑާއި އޮސްޓްރޭލިޔާގައި ފަށާއިރު މުބާރާތުގައި އެންމެ ވަރުގަދަވާނެ ޓީމުތައް ލަފާކުރުމުގައިވެސް ބަލަން އޮތް އެއްޗަކީ ފީފާގެ ރޭންކިންއެވެ. މުބާރާތްތަކުގައި އެކި ޓީމުތައް ގްރޫޕްތަކަށް ބަހައިލަނީ ރޭންކިންއަށް ބަލައިގެން ބައެއް ޓީމުތައް ސީޑްކޮށްގެންނެވެ.
އެގޮތުން އެންމެމަތީ ރޭންކުގެ ޓީމުތައް ގްރޫޕް ފިޔަވަހީގައި ތިބޭނީ އެއްބަޔަކު އަނެއް ބަޔަކާ ވަކިކުރެވިފައެވެ. ރޭންކިންގެ ފަހަތުބައިގައި ތިބޭ ޓީމުތަކަށް އަބަދުވެސް ކުރިމަތިލާން ޖެހޭނީ މަތީ ފަންތީގެ ޓީމުތަކާއެވެ. މިހެންވީމާ ގްރޫޕް ފިޔަވަހި ކަޑައްތުކޮށް ދަތުރުކުރުން އޮންނަނީ ދަށްރޭންކުގެ ޓީމުތަކަށް ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައެވެ. އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތް މިހަފުތާގައި ފަށާއިރު އަންހެނުންގެ ފުޓްބޯޅައިގައި މިވަގުތު ދުނިޔޭގެ އެއްވަނަ ރޭންކަކީ އެމެރިކާއެވެ. އެމެރިކާއަކީ ދުނިޔޭގެ ޗެމްޕިއަންވެސްމެއެވެ. ދުނިޔޭގެ އެއްވަނަ މަގާމުގައި އެމެރިކާ ހިފަހައްޓަމުން އަންނަނީ 2017 ވަނަ އަހަރުން ފެށިގެންނެވެ. އަންހެނުންގެ ފުޓްބޯޅައަށް ރޭންކިން ތައާރަފް ކުރެވުނު ފަހުން އެމެރިކާ ނޫން ބަޔަކަށް އެއްވަނަ ލިބިފައިވަނީ އެންމެ ފަހަރަކުއެވެ.
ޖަރުމަންވިލާތް ވަނީ 2003 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރާ ހަމައަށް އެއްވަނަ ހޯދައިފައެވެ. މި ވަގުތު ޖަރުމަންވިލާތް އޮތީ ދެވަނައިގައެވެ. އަންހެނުންގެ ވޯލްޑްކަޕްގައި މިފަހަރު ވާދަކުރާ ބައްތިރީސް ޓީމުގެ ތެރެއިން އެންމެ ދަށް ރޭންކުގެ ޓީމަކީ ޒެމްބިއާއެވެ. އެފްރިކާ ބައްރަށް ނިސްބަތްވާ ޒެމްބިއާ މިފަހަރު ވޯލްޑްކަޕްގައި ކުޅެނީ އަލަށެވެ. ދުނިޔޭގެ ރޭންކިންގައި ޒެމްބިއާގެ ވަނައަކީ 77 އެވެ. މިފަހަރުގެ ވޯލްޑްކަޕަށް ކޮލިފައިނުވާ ދުނިޔޭގެ އެންމެ މަތީ ރޭންކުގެ ޓީމަކީ އައިސްލެންޑެވެ. އައިސްލެންޑުގެ ވަނަޔަކީ ފަނަރަވަނައެވެ. އަންހެނުންގެ ރޭންކިންއާއި ފިރިހެނުންގެ ރޭންކިން ވަރަށް ތަފާތެވެ. ފިރިހެނުންގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި ހިމެނޭ އާޖެންޓީނާ އާއި ބްރެޒިލް އަންހެނުންގެ ފުޓްބޯޅައިގައި ހިމެނެނީ ތަންކޮޅެއް ފަހަތުގައެވެ. އާޖެންޓީނާގެ ވަނަޔަކީ 28 އެވެ. ބްރެޒިލް އޮތީ 8 ވަނައިގައެވެ.
ފިރިހެނުންގެ ފުޓްބޯޅައިގައި ޓީމުތައް ރޭންކުކުރާ ގޮތާއި އަންހެނުންގެ ފުޓްބޯޅައިގައި ޓީމުތައް ރޭންކުކުރެވޭ އުސޫލު އެއްގޮތް ކަމުގައިވިޔަސް ބައެއް ކަހަލަ ތަފާތު އެބަހުއްޓެވެ. އޭގެ ސިއްރަކީ އަންހެނުންގެ ފުޓްބޯޅަ އަދިވެސް ނިސްބަތުން ފަހަތުގައި އޮތުމާއި މުބާރާތްތަކާއި މެޗުތައްވެސް މަދުކަމެވެ. އަންހެނުންގެ ފުޓްބޯޅައިގައި ގައުމެއް ރޭންކުކުރުމުގެ އެންމެ އަސާސީ ޝަރުތަކީ މަދުވެގެން ބައިނަލްއަގުވާމީ ފަސް މެޗު ކުޅެފައިވުމެވެ. މީގެ ތެރެއިން މަދުވެގެން އެއްމެޗު ކުޅުނުތާ ދޮޅު އަހަރުގެ މުއްދަތެއް ފާއިތުވެފައި ނުވުމެވެ. ފީފާއިން އަންހެނުންގެ ފުޓްބޯޅައިގެ ރޭންކު އަޕްޑޭޓް ކުރަނީ ކޮންމެ އަހަރަކު ހަތަރު ފަހަރުއެވެ. މިއަހަރުގެ މިހާތަނަށް ދެ ފަހަރު އަޕްޑޭޓްކޮށްފިއެވެ. އެންމެ ފުރަތަމަ މާރޗް ސައުވީހުގައެވެ. ދެން ޖޫން ނުވައެއްގައެވެ.
ތިންވަނަ ފަހަރަށް އަޕްޑޭޓްކުރާނީ ވޯލްޑްކަޕް ނިމޭތާ ފަސް ދުވަސްފަހުން އޮގަސްޓް ފަންސަވީހުގައެވެ. އެންމެ ބޮޑެތި ބަދަލުތައް ފެންނާނީ އެއިންނެވެ. ވޯލްޑްކަޕްގައި ދެއްކި ކުޅުމާއި ނެރުނު ނަތީޖާތައް ރަމްޒުކޮށްދޭނީވެސް އެއިންނެވެ. ކޮންމެއަކަސް މިފަހަރުގެ ވޯލްޑްކަޕުގައި ވާދަކުރާ 32 ގައުމު 8 ގްރޫޕަކަށް ބަހާލައިގެން ތަރުތީބު ކުރުމުގައި ފީފާއިން ބެލީ ގައުމުތަކުގެ ރޭންކަށެވެ. ސީޑްކުރެވުނު 8 ޓީމަކީ މުބާރާތް ބާއްވާ ދެ ގައުމާއި ރޭންކިންގެ އެންމެ މަތީގައިވާ ހަ ގައުމެވެ. އެއީ އެއްވަނަ ޕޮޓެވެ. ހަތަރުވަނަ ޕޮޓްގައި ރޭންކިންގެ އެންމެ ފުލުގައިވާ 8 ގައުމެވެ. އެއީ ޒެމްބިއާގެ އިތުރުން މޮރޮކޯ، ދެކުނު އެފްރިކާ، ނައިޖީރިއާ، ފިލިޕީންސް، ހެއިޓީ، ޖެމޭކާ އަދި ޕެނަމާއެވެ. އެފްރިކާ ތަމްސީލުކުރާ ހަތަރު ގައުމުވެސް ހިމެނެނީ މި ގިންތީގައެވެ.
ފިރިހެނުންގެ ފުޓްބޯޅަޔާ ޚިލާފަށް އަންހެނުންގެ ފުޓްބޯޅައިގައި އޭޝިއާގެ ވިދުން ގަދައެވެ. އޭޝިޔާގެ ގައުމުތަކުގެ ތެރެއިން ޖަޕާން ވަނީ އެއްފަހަރު ޗެމްޕިއަންކަންވެސް ހޯދައިފައެވެ. އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޗައިނާއަކީވެސް އަންހެނުންގެ ފުޓްބޯޅައިގެ ވަރުގަދަ ބާރެކެވެ. ދުނިޔޭގެ ރޭންކިންއަށް ބަލާއިރު އެންމެ މަތީ ރޭންކުގެ އޭޝިޔާގެ ގައުމަކީ ދިހަވަނައިގައިވާ އޮސްޓްރޭލިޔާއެވެ. އެއަށްފަހު އެގާރަވަނައިގައިވާ ޖަޕާނާއި ސާދަވަނައިގައިވާ ޗައިނާއާއި ސަތާރަވަނައިގައިވާ ދެކުނު ކޮރެޔާއެވެ. މިފަހަރުގެ ވޯލްޑްކަޕުގައި ވާދަކުރާ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ފިލިޕީންސް ނަގާފައި ދެން އޭޝިޔާގެ އެންމެ ދަށް ރޭންކުގެ ޓީމަކީ ވިއެޓްނާމެވެ. ވިއެޓްނާމުގެ ވަނައަކީ ބައްތިރީސްވަނައެވެ. މިފަހަރަކީ އޭޝިއާގެ ވިދުން ގަދަވާނެ ފަހަރެއް ކަމަށް ވަރަށް ބޮޑަށް ހީކުރެވެއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު