ޕެނަމާގައި ހަ ޓަނު މިޔަރު އުރަހަ ވިއްކަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.

ޕެނަމާ ފުލުހުން ވަނީ އެގައުމުގައި ތައްޔާރުކޮށް ބަންދުކޮށް ޗައިނާއަށް ވިއްކުމަށް ތައްޔާރުކޮށްފައިވާ ހަ ޓަނުގެ މިޔަރު އުރަހާއެކު ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ބުނެފައެވެ.

ކަޅު ބާޒާރުގައި 500 މިލިއަން ޑޮލަރުގެ އަގުހުރި މިޔަރު އުރަހަ ކޮންމެ އަހަރަނު ގަވާއިދާ ހިލާފަށް ޕެނަމާއިން ބޭރުކުރާކަމަށް އެ ގައުމުގެ ފުލުހުން ވަނީ ބުނެފައެވެ.

ޕަނަމާއިން މިފަހަރު އަތުލައިގަތް މިޔަރު އުރަހައިގެ އަގުވެސް ކިލޯއަކަށް 1000 އެމެރިކާ ޑޮލަރު އަރާނެކަމަށް ބުނެއެވެ.

ފުލުހުން ހިންގި ތަހުގީގުން ވަނީ ޕެނަމާއިން ފެނުނު މިޔަރު އުރަހަތައް ހުރީ ޗައިނާއަށް ފޮނުވުމަށް ތައްޔާރުކޮށްފައިކަން ހާމަވެފައެވެ. އަދި އެމީހުންގެ އަތުން ފެނުނު ހެކިތަކުން ވަނީ ފައިސާގެ މުއާމަލާތްތަކާއި މުއްދަތު ހަމަވެފައިވާ ހުއްދަތަކެއްވެސް ފެނިފައެވެ. ފުލުހުން ވަނީ އެމީހުން ހައްޔަރު ކުރި ތަނުން ފިސްތޯލައެއް ވެސް ފެނިފައިވާ ކަމަށް ބުނެފައެވެ.

ފަސް މީހުންނާ ދެކޮޅަށް، ތިމާވެއްޓަށް ގެއްލުން ދިން ކަމުގެ ކުށުގެ ދައުވާއާއި ގައުމީ ސަލާމަތަށް ނުރައްކާ ކުރުމުގެ ދައުވާ އުފުލުމަށް ފުލުހުން ވަނީ ނިންމާފައެވެ.