އިންޑިއާގެ ''ޗަންދްރަޔާން 3'' ހަނދަށް ތިރިކުރާނީ އަންނަ މަހުގެ 23 ވަނަ ދުވަހު ކަމަށް އޮފިޝަލުން ބުނެފިއެވެ.
އިންޑިއާއިން އިއްޔެ ވަނީ، އެ ގައުމުގެ އެންމެ ބޮޑު ޖައްވީ އުޅަނދު ޗަންދްރަޔާން ކާމިޔާބު ކަމާއެކު ވަނީ ލޯންޗު ކޮށްފައެވެ.
ޗަންދްރަޔާން މިޝަން އަކީ އިންޑިއާއިން ހަނދުގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ހާއްސަ ދިރާސާ މިޝަނެކެވެ. އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާ ގޮތުން، ޗަންދްރަޔާން ހަނދަށް ތިރިކުރުމުގެ ކުރީން ހަނދުގެ ވަށައިގެން ބުރުތަކެއް އަޅާނެއެވެ.
ބޮޑުވަޒީރު ނަރެންދްރަ މޯދީ ވަނީ އިންޑިއާއިން މިހޯދި ކާމިޔާބީ ފާހަގަކުރައްވައި ޓްވީޓެއް ކުރައްވައިފައެވެ. މޯދީގެ ޓުވީޓުގައި ވަނީ މިއީ އިންޑިއާގެ ޖައްވީ ކާމިޔާބުގެ އާ މަރުހަލާއެއްކަމަށާއި އެގައުމުގެ ކާމިޔާބު ސައިންސުވެރިންގެ ބުރަ މަސައްކަތް ކަމުގައި ފާހަގަކުރައްވައިފައެވެ. މި މިޝަންގައި ބައިވެރިވާ ހުރިހާ ފަރާތްތަކަށްވެސް މޯދީ ވަނީ ހިތްވަރުދެއްވާފައެވެ.
އިންޑިއާއިން 2008 ވަނަ އަހަރުވެސް ހަނދަށް އުޅަނދެއް ފޮނުވަން މަސައްކަތް ކުރިއެވެ. ނަމަވެސް އެމިޝަން "ޗަންދްރަޔާން - 1" ވަނީ ހަނދަށް ތިރިކުރުމުގެ ތެރޭގައި ފެއިލްވެ ވެއްޓިފައެވެ.
ޗަންދްރަޔާން - 2 އިންޑިއާއިން ހަނދަށް ފޮނުވާލާފައިވަނީ 2019 ވަނަ އަހަރުގައެވެ. އެމިޝަންވެސް ވަނީ ފެއިލްވެފައެވެ.
އިންޑިއާއިން "ޗަންދްރަޔާން - 3" ކާމިޔާބު ކަމާއެކު ކުރިޔަށް ގެންދިއުމަށް ގިނަ ދިރާސާތަކެއް ވަނީ ކޮށްފައެވެ. އެގޮތުން އެންމެ ފަހުގެ ޓެކްނޮލޮޖީ ޗަންދްރަޔާން އުޅަނދުގައި ވަނީ ހިމަނާފައެވެ.
އިންޑިއާގެ ސްޕޭސް ރިސާޗް އޯގަނައިޒޭޝަން އިން އުފައްދާފައިވާ ޗަންދްރަޔާންގެ 3 ވަނަ އުޅަނދު ކާމިޔާބު ކަމާއެކު ހަނދަށް ތިރިކޮށް ހަނދުގެ ފަށަލައިން ސާމްޕަލް ނަގައި ދިރާސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެ ގައުމުން ވަނި ޗަންދްރަޔާން މިޝަން 3 އަށް 75 މިލިއަން ޑޮލަރު ހޭދަކޮށްފައެވެ.
އިންޑިއާގެ ޖައްވީ އުޅަނދު ކާމިޔާބު ކަމާއެކު ހަނދަށް ތިރިކޮށްފިނަމަ އިންޑިއާ ވެގެންދާނީ ހަނދަށް އުޅަނދެއް ތިރިކުރި ހަތަރުވަނަ ގައުމު ކަމުގައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ