މޫސުމީ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ކަނޑުތަކުގެ ކުލައަށް ބަދަލު އަންނަން ފަށައިފި ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ނެޝަނަލް އޯޝިއޮނޮގްރަފީ ސެންޓަރާއި އެމެރިކާގެ އިންސްޓްޓިއުޓް އޮފް ޓެކްނޮލޮޖީސްގެ ސައިންސުވެރިން ޝާއިއު ކޮށްފައިވާ ދިރާސާ ރިޕޯޓެއްގައި ވާގޮތުން މޫސުމީ ބަދަލުތަކުގެ ސަބަބުން ވޭތުވެދިޔަ 20 އަހަރުތެރޭ ކަނޑުގެ ކުލައަށް ބޮޑު ބަދަލެއް އަތުވެއްޖެ އެވެ.

56 އިންސައްތަ އަށްވުރެން ބޮޑު ނިސްބަތެއްގެ ކަނޑުގެ ސަރަހައްދުގެ ކުލައަށް ބަދަލު އައިސްފައިވާ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސައިންސްވެރިން ވަނީ އެ ކަމަކީ ގުދުރަތީ ގޮތުން އައި ބަދަލެއް ކަމަށް ނުބެލެވޭ ކަމަށްވެސް ބުނެފައެވެ.

ކަނޑުތަކުގެ ކުލަ ބަދަލުވުމުގައި އިންސާނުންގެ ރޯލު އޮތްކަމަށް ދިރާސާ ޓީމުން ފާހަގަކޮށްފައިވެއެވެ.

ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ބަދަލުތައް އަންނަނީ، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތަކުގެ ދިރުންތަކަށް އޭގެ ސީދާ އަސަރުކޮށް ބައެއް ދިރުންތަކުގެ އާބާދީ މަދުވެފައިވާތީ އެވެ.