ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދައުވާ އުފުލުމާ ގުޅިގެން ރާއްޖޭން ބޭރަށް އަރުވާލެވިގެން ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް އަނބުރާ ގެންދިއުމާ އެކު މިއަދު ރާއްޖެ ވަޑައިގެންފިއެވެ.
އަލީ ވަހީދު ރާއްޖެ މި ވަޑައިގެންނެވީ، އިނގިރޭސި ވިލާތަށް އަރުވާލެވިގެން ދެ އަހަރެއްހާ ދުވަހު ހުންނެވުމަށްފަހުގައެވެ.
އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގެންނެވި އިރު، ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތައް އަނބުރާ ގެންދަން ނިންމާފައިވާކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމީ މިދިޔަ މަހުއެވެ.
އަލީ ވަހީދު ރާއްޖެ ވަޑައިގެންނެވި، ޓާކިޝް އެއާލައިންސްގެ ފްލައިޓް މީގެ އިރުކޮޅެއްކުރިން ވަނީ ވެލާނާ އިންޓަނޭޝނަލް އެއާޕޯޓްގައި ޖައްސައިފައެވެ.
އެއާޕޯޓަށް ވަޑައިގެންނެވުމުން އަލީ ވަހީދާ ކުރެއްވި ސުވާލުތަކާ ގުޅިގެން އަލީ ވަނހީދު ވިދާޅުވީ، މާލެ ވަޑައިގެން އެއްނަންބަރު ފާލަމުގައި، ނޫސްވެރިން ކުރާ ހުރިހާ ސުވާލުތަކަށް ޖަވާބު ދެއްވާނެ ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕްކުރަން އުޅުމުގެ ދައުވާގެ އިތުރުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ ދައުލަތުން އުފުލީ 2021 ވަނަ އަހަރުއެވެ. ނަމަވެސް އެ ދައުވާތަކުގެ ޝަރީއަތް ނުފެށި ވަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތަށް ވަޑައިގެންފައެވެ.
އަލީ ވަހީދާ ދެކޮޅަށް ކުރިމިނަލް ކޯޓުގައި އުފުލި ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތަކަށް އޭނާ ހާޒިރުވެފައި ނުވާތީ މިދިޔަ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާތައް އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފައެވެ. ކޯޓުން އެ މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވާލީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތް ވުމުން އަލުން މައްސަލަ ހުށަހެޅުމަށެވެ. ނަމަވެސް އެ މައްސަލައިގައި ފުލުހުން މެދުވެރިކޮށް ރެޑްނޯޓިސް ނެރެގެންވެސް އަލީ ވަހީދު ޝަރީއަތައް ހާޒިރުކުރެވިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު