ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން، އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދައުވާ އުފުލުމާ ގުޅިގެން ރާއްޖޭން ބޭރަށް އަރުވާލެވިގެން ހުންނެވި އަލީ ވަހީދު، އޭނާގެ މައްޗަށް ދައުލަތުން އުފުލި ދައުވާތައް އަނބުރާ ގެންދިއުމާ އެކު މިއަދު ރާއްޖެ ވަޑައިގަންނަވާ ގޮތަށް ނިންމަވައިފިއެވެ.
އިނގިރޭސި ވިލާތަށް އަރުވާލެވިގެން ހުންނަވާތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން އަލީ ވަހީދު މިއަދު ރާއްޖެ ވަޑައިގެންނެވި އިރު، ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވާ ޖިންސީ ގޯނާގެ ދައުވާތައް އަނބުރާ ގެންދަން ނިންމާފައިވާކަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމީ މިދިޔަ މަހުއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އަލީ ވަހީދު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޓާކިޝް އެއާލައިންސްގެ ފްލައިޓަކުންނެވެ. އެ ފްލައިޓް ވެލާނާ އިންޓަނޭޝަންލް އެއާޕޯޓުގައި ޖެއްސުމަށް ތާވަލުކޮށްފައި ވަނީ 1:20ގަ އެވެ. އަދި ރާއްޖެ ވަޑައިގެން މިއަދު މެންދުރުފަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާ ބައްދަލުކުރައްވަން ވަނީ ނިންމަވައިފައެވެ.
އަލީ ވަހީދުގެ މައްޗަށް ޖިންސީ އަނިޔާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރުމުގެ ދައުވާއާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާއާއި ރޭޕްކުރަން އުޅުމުގެ ދައުވާގެ އިތުރުން ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދައުވާ އަދި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދައުވާ ދައުލަތުން އުފުލީ 2021 ވަނަ އަހަރުއެވެ. ނަމަވެސް އެ ދައުވާތަކުގެ ޝަރީއަތް ނުފެށި ވަނިކޮށް އަލީ ވަހީދު ވަނީ ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އިނގިރޭސި ވިލާތަށް ވަޑައިގެންފައެވެ.
އަލީ ވަހީދާ ދެކޮޅަށް ކުރިމިނަލް ކޯޓުގައި އުފުލި ދައުވާތަކުގެ ޝަރީއަތުގެ އަޑުއެހުންތަކަށް އޭނާ ހާޒިރުވެފައި ނުވާތީ މިދިޔަ ސެޕްޓެމްބަރު މަހު ކްރިމިނަލް ކޯޓުން ވަނީ އެ ދައުވާތައް އަނބުރާ ޕީޖީ އޮފީހަށް ފޮނުވާލައިފައެވެ. ކޯޓުން އެ މައްސަލަ އަނބުރާ ޕީޖީއަށް ފޮނުވާލީ އަލީ ވަހީދު ކޯޓަށް ހާޒިރުކުރެވޭނެ ގޮތް ވުމުން އަލުން މައްސަލަ ހުށަހެޅުމަށެވެ. ނަމަވެސް އެ މައްސަލައިގައި ފުލުހުން މެދުވެރިކޮށް ރެޑްނޯޓިސް ނެރެގެންވެސް އަލީ ވަހީދު ޝަރީއަތައް ހާޒިރުކުރެވިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު