ސައުތު އޭޝިއަން ޓްރެވަލް އެވޯޑްސް (ސަޓާ) 2023 ބާއްވާނީ އިންޑިއާގެ ބެންގަލޫރުގައި ކަމަށް ސަޓާގެ ރައީސް އިސްމާއިލް ހަމީދު (ހައިރައިޒް އިއްސެ) ވިދާޅުވެއްޖެއެވެ.

ސަޓާއަކީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީގެ އެންމެ ފާހަގަކޮށްލެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ބާއްވާ ބޮޑު ހަރަކާތެކެވެ.

ސަޓާގެ މި އަހަރުގެ ޕާޓްނަރުން ރަސްމީކޮށް އިއުލާންކުރުމަށް އިއްޔެ މާގިރި ހޮޓެލުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިއްސެ ވިދާޅުވީ މި އަހަރުގެ ސަޓާ ބާއްވާނީ އަންނަ އޮކްޓޫބަރު މަހު އިންޑިއާގެ ބެންގަލޫރުގައި ކަމަށެވެ. އެ އެވޯޑު ދިނުމުގެ ހަފުލާގައި ސައުތު އޭޝިއާ ސަރަހައްދުގެ އެކި ކަންކޮޅުތަކުގެ އިންޑަސްޓްރީގެ އިސްވެރިންނާއި ސްޓޭކްހޯލްޑަރުން އެއްތަނަކަށް ޖަމާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.

ސަޓާ 2023ގެ ޕާޓްނަރުން ރަސްމީކޮށް އިއުލާން ކޮށްފައިވާއިރު ސަޓާގެ ޕާޓްނަރުން ހާމަކޮށްފައި ވަނީ ދެކުނު އޭޝިއާގެ ޓްރެވަލް އެންޑް ޓޫރިޒަމް އިންޑަސްޓްރީއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެ ފަރާތްތަކުގެ އަހައްމިއްޔަތުކަން ދައްކުވައި ދޭ ގޮތަށެވެ.

އެގޮތުން ސަޓާ 2023ގެ ޕްލެޓިނަމް ޕާޓްނަރަކީ ލަގްޒަރީ ޔޮޓް އުފެއްދުމުގައި މަޝްހޫރު ގަލްފް ކްރާފްޓެވެ. ގޯލްޑް ޕާޓްނަރުންނަކީ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓެވެ. އޮޑިޓިން ޕާޓްނަރަކަށް ކްރޯ މޯލްޑިވްސް ހަމަޖައްސާފައިވާއިރު ހޮސްޕިޓާލިޓީ ޕާޓްނަރަކީ މާގިރި ހޮޓެލްއެވެ.

ތަޖުރިބާކާރުންނާއި އިންޑަސްޓްރީގެ ފަންނުވެރިންގެ ޕެނަލަކުން ކުރިއަށް ގެންދާ ހަރުކަށި ސިލެކްޝަން ޕްރޮސެސްއަކާ އެކު ސަޓާއިން ވަނީ ބެސްޓް ޑޮމެސްޓިކް ޑެސްޓިނޭޝަން، ބެސްޓް އިންޓަނޭޝަނަލް ޑެސްޓިނޭޝަން، ބެސްޓް އެޑްވެންޗާ ޑެސްޓިނޭޝަން އަދި ބެސްޓް އިމާޖިން ޑެސްޓިނޭޝަން ފަދަ 52 ކެޓަގަރީއަކުން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ފާހަގަކޮށްފައެވެ.