މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅައިލުމަށް އަޅާ، ތިލަމާލެ ބުރިޖުގެ ބައިތަކަކީ މިހާތަނަށް ދުނިޔޭގައި ހަދާ އެންމެ އުސް ޕްރީކާސްޓް ސެގްމަންޓުތައް ކަމަށް ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުން މިއަދު ބުނެފިއެވެ.

ބްރިޖު މަޝްރޫއުގެ މަސައްކަތްތަކާ ބެހޭގޮތުން މިއަދު ކުރި ޓުވީޓެއްގައި ހައި ކޮމިޝަނުން ބުނެފައިވަނީ، ގުޅިފަޅުގައި ހަދާ ތިލަމާލެ ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ ބައިތަކުގެ އުސްމިނުގައި 8.177 މީޓަރު ހުންނާނެ ކަމަށެވެ.

ޕްރީކާސްޓް ކުރުމަކީ ބްރިޖުގެ ކޮންސްޓްރަކްޝަނަށް ބޭނުންވާ ބައިތައް އެހެން ތަނެއްގައި ހަދައިގެން ސައިޓަށް ގެންގޮސްގެން ހުރިހާ ބައިތަކެއް ގުޅުވުމެވެ. އެ ބައިތައް ހަދަނީ ގުޅިފަޅުގައެވެ. ނަމަވެސް މާލެ އާއި ހުޅުމާލެ ގުޅައިދިނުމަށް ހެދި، ސިނަމާލެ ބްރިޖު ހެދިއިރު އެ ބައިތައް ގެނަސްފައިވަނީ ޗައިނާގައި ހަދައިގެންނެވެ.

އެ ބައިތަކުގެ ފޮޓޯތައްވެސް ހައި ކޮމިޝަނުން ވަނީ އާންމުކޮށްފައެވެ.

ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ތިލަފުށި އަދި ގުޅިފަޅު ގުޅުވާލަން 6.7 ކިލޯމީޓަރުގެ ބްރިޖެއް އެޅުމުގެ މަސައްކަތްކުރަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އެފްކޮންސްއިންނެވެ.

ފައްސަތޭކަ މިލިއަން ޑޮލަރުގެ އެ މަޝްރޫއަށް އިންޑިއާއިން ވަނީ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ ދީފައެވެ. ދެން އެ ބުރިޖަށް ފަންޑުކުރަނީ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުންނެވެ.

އެ މަޝްރޫއުގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު ބުރިޖާއެކު ކޯޒްވޭ ލިންކުގެ ދެ ރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބުރިޖުތަކުގައި 140 ކިލޯމީޓަރު ހުންނާނެއެވެ. އޭގެ އިތުރުން ފުން ފަޅުތަކުގައި 1.45 ކިލޯމީޓަރަށް މެރިން ވިއާޑަކްޓާއި މޫދު/ގޮނޑުދޮށުގައި 2.32 ކިލޯމީޓަރު މެރިން ވިއާޑަކްޓް، އަދި ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ހިމެނެއެވެ.

މާލެއާއި ވިިލިމާލެ ބުރިޖު ގުޅޭ ހިސާބުގައި ޓްރެފިކް ލައިޓު ހަރުކުރެވިފައި ހުންނާނެއެވެ. ގުޅިފަޅު އަދި ތިލަފުށި ބުރިޖުގައި ހުންނާނީ ވަށްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެއަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންތައް ހުންނާނެއެވެ. އަދި ސޯލާ ޕެނަލްތައް ހަރުކޮށް ބޮކިތައް ސޯލާ ޕަވާއިން ދިއްލޭ ނިޒާމު ހަަމަޖެހޭނެއެވެ.