ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް ޝައުގުވެރިކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އިލްތިމާސްކުރައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ދިވެހި ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ލިޔުންތެރިންނަށް ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވައި ކުރެއްވި ޓުވީޓެއްގައި ރައީސް ވިދާޅުވީ ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި ދިވެހި ބަހުގެ ލިޔުންތައް އިތުރުކުރަންޖެހޭ ކަމަށެވެ.

"ދިވެހި ލިޔުންތެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށް އަރިސްކުރަން. ދިވެހިންގެ އަދަބީ ތަރިކަ ރައްކާތެރިކޮށް ދިވެހި ބަސް ދިރުވައި އާލާކުރުމަށްޓަކައި ދިވެހި ބަހުގެ ލިޔުންތައް އިތުރުކޮށް، ކުޑަކުދިންނާއި ޒުވާނުން ދިވެހި ބަހަށް ޝައުގުވެރި ކުރުމަށް އިލްތިމާސްކުރަން،" ރައީސް ވިދާޅުވިއެވެ.

ޗާޕުކޮށްގެން ރާއްޖޭގައި އެންމެ ފުރަތަމަ މަޖައްލާއެއް ނެރުނު ދުވަސްކަމަށްވާތީ، ކޮންމެ އަހަރެއްގެ ޖުލައި މަހުގެ އަށްވަނަ ދުވަސް ފާހަގަކުރަނީ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ގޮތުގައެވެ.

"އަލްއިޞްލާޙް" ގެ ނަމުގައި ނެރުުނު އެ މަޖައްލާގެ ފުރަތަމަ އަދަދު ނެރެފައިވަނީ، 1933 ވަނަ އަހަރުގެ ޖުލައި މަހުގެ އަށްވަނަ ދުވަހުއެވެ. އެ މަޖައްލާ ނެރެން ފަށާފައިވަނީ 22 ޑިސެމްބަރު 1932 ގައި ތަންފީޒުކުރަން ފެށި ރާއްޖޭގެ ފުރަތަމަ ގާނޫނުއަސާސީން ލިބުނު މިނިވަންކަމުގެ ތެރެއިންނެވެ.

އޭގެ ކުރިން އެފަދަ ނޫސްވެރިކަމުގެ މިނިވަންކަމެއް އަދި ލިޔުންތެރިކަމުގެ މިނިވަންކަމެއްވެސް އާންމުކޮށް ރާއްޖެއަކު ނޯވެއެވެ. އެހެންކަމުން އަސްލު މާނައިގައި ނޫސްވެރިކަން ރާއްޖޭގައި ފެށިގެން އައީ އެ ހިސާބުން ކަމަށް ވަނީ ނިންމައިފައެވެ. ރާއްޖޭގައި ލިޔުންތެރިންގެ ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރީ 1993 ވަނަ އަހަރުގެ ޖުލައި މަހުގެ އަށްވަނަ ދުވަހުއެވެ.

މިއަހަރުގެ ދިވެހި ލިޔުންތެރިންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި ދިވެހިބަހުގެ އެކެޑަމީން ކަނޑައަޅާފައިވާ ޝިއާރަކީ "މުޖުތަމައުގެ މަސްލަހަތު - ލިޔުންތެރީންގެ މަސްއޫލިއްޔަތު" އެވެ.