ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ށ. މިލަންދޫ ސްކޫލުގެ ގޯތި ތެރޭގައި އައުޓްޑޯ ރީޑިން ޕާކެއް ތަރައްގީކޮށްފިއެވެ.

ބީއެމްއެލުން ބުނި ގޮތުގައި މިލަންދޫގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ މިލަންދޫ ސްޕޯޓްސް ކްލަބުން އިސްނަގައިގެން ބޭންކުގެ އެހީގައި ތަރައްގީކުރި މި ޕާކަކީ މިލަންދޫ ސްކޫލުގެ 75ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ހެދި ޕާކެކެވެ. މި އައުޓްޑޯ ރީޑިން ޕާކު ތަރައްގީކުރީ ދަރިވަރުންގެ މެދުގައި ފޮތް ކިޔުމުގެ ޝައުގުވެރިކަން އުފެއްދުމުގެ މަގުސަދުގައި ކަމަށްވެސް ބުންޏެވެ.

މި ޕާކާ ގުޅޭ ގޮތުން މިލަންދޫ ސްޕޯޓްސް ކްލަބުގެ ނައިބު ރައީސް އަހުމަދު ސަމީހު ވިދާޅުވީ މި މަޝްރޫއާއެކު މިލަންދޫ ސްކޫލުގެ ދަރިވަރުންނަށް ފޮތް ކިޔުމުގެ މުހިންމުކަން ތަޖުރިބާކޮށް ދެނެގަތުމުގެ ފުރުސަތާއި އެކަމަށް ބޭނުންވާ ޖާގަ ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑުގެ މި އަހަރުގެ ފުރަތަމަ ފިޔަވަހީގެ ނަސީބުވެރި 10 ޕްރޮޕޯސަލް ދާދި ފަހުން ވަނީ އިއުލާނުކޮށްފައެވެ.

ކޮމިއުނިޓީ ފަންޑަކީ ދެމެހެއްޓެނިވި ޕްރޮޖެކްޓްތައް މެދުވެރިކޮށް ޖަމިއްޔާޖަމާއަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުވެރިކުރުމުގެ ޕްރޮގްރާމެކެވެ. މިހާތަނަށް ބޭންކުން ވަނީ މި ފަންޑު މެދުވެރިކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގާ 90 ޕްރޮޖެކްޓަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.