ސެމްސަންގްގެ މަޝްހޫރު ފަތްޖަހާލެވޭ ފޯނުގެ އެންމެ ފަހުގެ އަދަދު ކަމަށްވާ ޒެޑް ފޯލްޑް 4 އާއި ގެލެކްސީ ޒެޑް ފްލިޕް 4 ދައްކާލައިފިއެވެ.

ޒެޑް ފޯލްޑް 4 ވިއްކާނީ 1،799.99 ޑޮލަރު (27،756ރ) އިން މަތީގެ އަގެއްގައެވެ. ނަމަވެސް ގެލެކްސީ ޒެޑް ފްލިޕް 4 ގެ އަގަކީ 999.99 ޑޮލަރު (15،420ރ.)އެވެ.

ޒެޑް ފްލިޕް 4 އަކީ ފަތްޖަހާލުމުން ހަތަރެސްކަނަށް އޮންނަ، ޖީބަށް ލައިގެން އުޅެން ފަސޭހަކޮށް ހަދާފައިވާ ކުޑަ ފޯނެކެވެ. ނަމަވެސް މި ފޯނު ހުޅުވާލުމުން 6.7 އިންޗީގެ ސްކްރީނެއް އިންނާނެއެވެ. އެއާ ހިލާފަށް ޒެޑް ފޯލްޑް 4 އަކީ ތުނިކޮށް އޮންނަ، އަދި ހުޅުވާލުމުން ޓެބްލެޓް ސައިޒަށް 7.6 އިންޗީގެ ސްކްރީނެއް އިންނަ ފޯނެކެވެ. ވަރުގަދަ އެލްމިނިއަމް ފްރޭމް ދެ ފަރާތުގައި ލާފައިވާ ކޯނިން ގްލާސް ހިމެނޭ މި ފޯނުތައް ކުރީގެ ފަތްޖަހާލެވޭ އަދި ހުޅުވޭ ފޯނުތަކަށްވުރެ ހުރިހާ ގޮތަކުންވެސް ބާރު ގަދަވާނެއެވެ.

އެގޮތުން ގިނައިރު ފޯނު ބޭނުންކުރާ މީހުންނަށް އެ ފޯނު ވެގެންދާނީ ބެޓެރީގައި ވަރު ހުރި އެއް ފަހަރު ޗާޖުކޮށްގެން ގިނައިރު ހިފަހައްޓާލެވޭ ފޯނަކަށެވެ. މީގެ އިތުރުން ރީތި ފޮޓޯ ނެގުމަށް ފޯނުގެ ކެމެރާ ވަރުގަދަ ކޮށްފައިވާއިރު ޕޯޓްރެއިޓް މޯޑްގައި ސެލްފީ ނެގޭ ގޮތަށް ހަދާފައިވާއިރު ވަކި ވަރަށް ފަތްޖަހާލުމަށް ފަހު ތަނެއްގައި ބަހައްޓައިގެން "ފްލެކްސް ކެމް" އެކްޓިވޭޓް ކޮށްގެން ވީޑިއޯވެސް ކުރެވޭނެއެވެ.

ސެމްސަންގްގެ ބޮޑެތި ސްކްރީން ހުންނަ ޑިވައިސްތަކަށް ހާއްސަކޮށް އެ ކުންފުނިން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާ އިރު، އެންޑްރޮއިޑްގެ ހާއްސަ ވާޝަނެއް ކަމަށްވާ 12L އާއެކު މިފަހަރު ވިއްކާ ޒެޑް ފޯލްޑް 4 މާބޮޑަށްވެސް ތަފާތުވާނެ ކަމަށް ބެލެވެއެވެ.

އެގޮތުން އެ ފޯނުގައި ކެމެރާގައި 50 މެގަޕިކްލެސްގެ ވައިޑް ލެންސަކާއި 30x ޒޫމް ލެންސެއް އިންނައިރު، މިއީ ސުޕަ ފާސްޓް ޗާޖިން ފޯނެކެވެ. މި ފޯނުވެސް ފްލިޕް 4 އެކޭ އެއްގޮތަށް 30 މިނެޓުން 50 ޕަސެންޓަށް ޗާޖުކޮށްލެވޭނެއެވެ. މި ދެ ފޯނުގައިވެސް ސެމްސަންގް ގަލަން ކަމަށްވާ ސްޓައިލަސް ބޭނުންކުރެވޭނެއެވެ. މިއީ ސެމްސަންގް ނޯޓް މަޝްހޫރު ވެގެން ދިއުމުގެ އެއް ސަބަބެވެ.

ފޯނުތަކުގެ އިތުރުން ސެމްސަންގް އިން ވަނީ އަލަށް ނެރޭ ސްމާޓް ގަޑިތައްވެސް ދައްކާލައިފައެވެ. އެއީ 279.99 ޑޮލަރަށް ވިއްކާ ގެލެކްސީ ވޮޗް 5 އާއި 449.99 ޑޮލަރަށް ވިއްކާ ވޮޗް 5 ޕްރޯ އަދި 329.99 ޑޮލަރަށް ވިއްކާ ވޮޗް 5 ގޮލްފް އެޑިޝަންއެވެ.