ސިނަމާލެ ބުރިޖު ހައިވޭގައި ހުރި ސޯލާ ޕެނަލްތަކެއް ހަރުނުކޮށް ހުރުމުން ވަޔާ ވިއްސައިގެން ގޮސްފިއެވެ.

މާލޭ ސިޓީ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސޯލާ ޕެނަލްތައް ވަޔާ ވިއްސައިގެންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި އެގޮތުން މިއަދު ހަވީރު ހަތަރު ސޯލާ ޕެނަލެއް ވިއްސައިގެން ގޮސް، މޫދަށް ވެއްޓިފައިވާ ކަމަށެވެ.

"ސޯލާ ޕެނަލް ހަރުކުރާ ފަރާތުން މިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ނުދީފިނަމަ ވަރަށް ނުރައްކާތެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަމުގައި ދެކެން،" މުއިއްޒު ވިދާޅުވިއެވެ.

ބުރިޖު ހައިވޭގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއުގެ ކޮމިއުނިކޭޝަން ސްޕެޝަލިސްޓް އިފާދު ވަހީދު މީޑިއާތަކަށް މިރޭ ވިދާޅުވީ މޫދަށް ވިއްސައިގެން ދިޔަ ހަތަރު ޕެނަލަކީ ސްޓަރަކްޗާއެއްގައި ހަރުކޮށްފައި ހުއްޓައި ވިއްސައިގެން ދިޔަ ސޯލާ ޕެނަލްތަކެއް ނޫން ކަމަށެވެ. އަދި ސޯލާ ޕެނަލްތައް ވިއްސައިގެން ދިޔަ ނަމަވެސް އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އެ ޕެނަލްތައް މިހާރު ވަނީ މޫދުން ނަގައިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިކަމާ ގުޅިގެން، ކޮންޓްރެކްޓަރު މަސައްކަތް ކުރިއަށްގެންދިޔަ ގޮތާ ގުޅޭގޮތުން މިނިސްޓްރީން އިންޓާނަލް އިންވެސްޓިގޭޝަނެއް ކުރިއަށްގެންދާނެ،" އިފާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ސޯލާ ޕެނަލް ހަރުކުރުމުގެ މަޝްރޫއުގެ މަސައްކަތް އިތުރަށް ކުރިއަށްގެންދާނީ ސަލާމަތީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިފައިވޭތޯ ޔަގީން ކުރުމަށްފަހު ކަމަށާއި މިހާތަނަށް ބެލި ބެލުމުން އެއްވެސް ސޯލާ ޕެނަލެއްގައި މައްސަލައެއް ހުރިކަން ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި އެ މަޝްރޫއުގެ މަސައްކަތް ސުޕަވައިޒްކުރުން ތަކުރާރުކޮށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބުރިޖު ހައިވޭގައި ސޯލާ ޕެނަލް ހަރުކުރަން ފެށުމުން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށް ބުނެފައިވަނީ ވިއްސާރަ ނުވަތަ ވައިގަދަ ދުވަހެއްގައި ސޯލާ ޕެނަލެއް ވަޔާއެކު ވިއްސައިގެން ދިއުމުން ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން ބުރިޖު ހައިވޭގައި 5.6 މެގަވޮޓްގެ ސޯލާ ހަކަތައިގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ތައިލެންޑުގެ ކުންފުންޏެއް ކަމަށްވާ އެންސިސް ކޯ ލިމިޓެޑާއެވެ. އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އަދި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ.

ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް ނިންމައި، އެއިން ކަރަންޓު އުފައްދަން ފެށުމުން، ދައުލަތުން ތެލަށް ކުރާ ހޭދަ ބޮޑުތަނުން ދަށް ވެގެންދާނެ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.