އައިސްބޮކްސްއެއް ކުއްޔަށް ނެގި ފަރާތުން، އެ އައިސްބޮކްސް އަނބުރާ ރައްދުކޮށްފައިނުވާތީ 64،019 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ޕިންކް ރެންޓަލްސް ޕްރައިވެޓް ލިމިޓެޑުން، އިބްރާހީމް އާޒިމަށް ކުއްޔަށް ދޫކުރި އައިސްބޮކްސްއެއް އަނބުރާ ގެނެސްދީފައިނުވާތީ ޕިންކް ރެންޓަލްސްގެ ފަރާތުން ވަނީ އާޒިމްގެ މައްޗަށް ދައުވާކޮށްފައެވެ. އާޒިމް އެ އައިސްބޮކްސް ކުއްޔަށް ގެންދިޔައީ ކުލީގެ އަގު ކަމަށްވާ 29 ރުފިޔާ ދެއްކުމަށްފަހު މިދިޔަ އަހަރުގެ އެޕްރީލް މަހުގެ އެއްވަނަ ދުވަހުއެވެ. އައިސްބޮކްސް ކުއްޔަށް ދޫކުރަނީ 29 ރުފިޔާއަށް ކަމަށްވުމުން ޕިންކް ރެންޓަލްސްއިން އެދުނީ އާޒިމްގެ އަތުން 29 ރުފިޔާ ނަގައިދިނުމަށެވެ.
އެ ދައުވާގައި ބުނެފައިވަނީ އާޒިމް އައިސްބޮކްސް އެއް ދުވަހަށް ކުއްޔަށް ހިފުމަށްފަހު، ކުއްޔަށް ހިފި މުއްދަތު ހަމަވި ފަހުންވެސް އެ އައިސްބޮކްސް ގެނެސްދީފައިނުވާ ކަމަށެވެ. އައިސްބޮކްސް އަނބުރާ މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ގެނެސްދިނުމަށާއި އިތުރުވި 456 ދުވަހުގެ ކުލީގެ ގޮތުގައި ޖުމުލަ 73،872 ރުފިޔާ އަދި ލިޔެކިޔުމަށް ހަރަދުވި ފައިސާ ހިމަނައިގެން 73،901 ރުފިޔާ ނަގައިދިނުމަށް ދައުވާގައި ވަނީ އެދިފައެވެ.
ސިވިލް ކޯޓުން އެ މައްސަލަ ބެލުމަށްފަހު ކުރި ހުކުމުގައި ބުނީ އައިސްބޮކްސްއަށް އިތުރުވި 395 ދުވަހުގެ ކުލީގެ ގޮތުގައި ލިބެންޖެހޭ ފައިސާއާއި ލިޔެކިޔުމަށް ހަރަދުވި ފައިސާގެ ގޮތުގައި އާޒިމް 64،019 ރުފިޔާ، 30 ދުވަހުގެ ތެރޭގައި ސިވިލް ކޯޓު މެދުވެރިކޮށް ޕިންކް ރެންޓަލްސްއަށް ދައްކަން ޖެހޭނެ ކަމަށެވެ.
އޭގެ އިތުރުން މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން އައިސްބޮކްސް އަނބުރާ ޕިންކް ރެންޓަލްސްއަށް ހަވާލުކުރުމަށް ވެސް ވަނީ ހުކުމްކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު