ގޫގުލް ކުންފުނީގެ ދަށުން ހިންގާ ޔޫޓިއުބަކީ ވީޑިއޯ ބެލުމަށް ހާއްސަ އެޕްލިކޭޝަނެކެވެ. ވީޑިއޯ ބެލުމަށް ދުނިޔޭގެ އެންމެ މަޝްހޫރު އެއް ޕުލެޓްފޯމަކީ ޔޫޓިއުބް ނަމަވެސް މި ޕުލެޓްފޯމުގެ ތެރެއިން މީހުންނަށް ގޭމް ކުޅެވޭނެ ގޮތް ޓެސްޓު ކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތުން ޔޫޓިއުބުގައި ގޭމު ކުޅެވޭނެ އާ ޕްރޮޑަކްޓެއް ޓެސްޓް ކުރަމުންދާ ކަމަށާއި އަދި އެ ހިދުމަތް އާންމުކޮށް ދޫކޮށްލާނެ ކަމަށްވެސް މަޝްހޫރު ދަ ވޯލް ސްޓްރީޓް ޖާނަލް އިން ވަނީ ވަރަށް ފަހުން ރިޕޯޓް ކޮށްފައެވެ.

ވޯލް ސްޓްރީޓް ޖާނަލް އިން ބުނާ ގޮތުގައި ޔޫޓިއުބްގެ ތެރެއިން މި ދޫކޮށްލާ ގޭމް ކުޅެވޭ އާ އުފެއްދުމުގެ ނަމަކީ "ޕްލޭޔަބަލްސް" އެވެ. ޔޫޓިއުބް އެޕް މެދުވެރިކޮށް މޯބައިލް ފޯނުތަކުން އެ ހިދުމަތް ހޯދޭނެ ކަމަށާއި އަދި ޑެސްކްޓޮޕް ކޮމްޕިއުޓަރުތަކުގައިވެސް ވަގުތުން ގޭމު ކުޅެވޭނެ ކަމަށް ބުންޏެވެ. ގޫގުލް އިން ދާދި ފަހުން އެ ކުންފުނީގެ މުވައްޒަފުން ބޭނުން ކޮށްގެން ޓެސްޓު ކުރާ ގޭމު ކަމަށްވާ ސްޓޭކް ބައުންސް އަކީ އެންޑްރޮއިޑްގައި ބްރިކް ބްރޭކާ އާކޭޑް ފަދަ ގޭމުތަކާ އެއްގޮތަށް ކުޅެވޭ އާކޭޑް ގޭމެކެވެ.

ޔޫޓިއުބްގެ ތަރުޖަމާނަކު އައިޖީއެންއަށް ފޮނުވި ބަޔާނެއްގައި ބުނެފައިވާ ގޮތުން، ޔޫޓިއުބް ތެރެއިން ގޭމު ކުޅެވޭ ގޮތް ހަދަނީ ވަގުތީ ގޮތުންނެއް ނޫނެވެ. ގޭމިން އަކީ ޔޫޓިއުބް ތެރެއިން ގިނަ ދުވަސްތަކެއް ވަންދެން ފޯރުކޮށްދޭނެ ހިދުމަތެއް ކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް ޔޫޓިއުބުގެ ތެރެއިން ގޭމުތައް ކުޅުން އާންމުންނަށް ދޫކޮށްލާނީ ކޮން އިރަކުން ކަމެއް އަދި ބުނެވެން ނެތް ކަމަށް ތަރުޖަމާނު ވަނީ ބުނެފައެވެ.

ޔޫޓިއުބް ތެރެއަށް ގޭމު ކުޅޭވޭނެ ގޮތް ތައާރަފު ކުރަން މަސައްކަތް ކުރަމުންދާއިރު ޔޫޓިއުބުގެ ބެލެނިވެރި ކުންފުނި ގޫގުލް އިން ކުރިން ކުރި މަސައްކަތަކީ 2019 ވަނަ އަހަރު ލޯންޗު ކުރި ކްލައުޑް ގޭމިން ޕްލެޓްފޯމް ސްޓޭޑިއާ ކުރިއެރުވުމެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ގޫގުލް އިން ވަނީ މި އަހަރު އެ ހިދުމަތް ބަންދުކުރާނެ ކަމަށް އިއުލާންކޮށްފައެވެ. އޭގެ ތެރޭގައި ވައިޓް ލޭބަލް ޕްރޮޑަކްޓެއް ހިމެނޭއިރު، އޭޓީއެންޑްޓީން އެ ޕްރޮޑަކްޓެއް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ބެޓްމަން: އާކަމް ނައިޓްގެ ޑެމޯއެއް ހިލޭ ސްޓްރީމް ކުރެވޭ ގޮތް ވަނީ ހަދާފައެވެ.

އެހެންކަމުން ޔޫޓިއުބްގެ ތެރެއިން އާ ގޭމިން ހިދުމަތެއް ތައާރަފު ކުރަން މި ކުރާ މަސައްކަތަކީ ކުލައުޑް ގޭމިން ޕުލެޓްފޯމްގެ ބަދަލުގައި ގެންނަ ހިދުމަތެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.