ރާއްޖޭގައި މި ވަގުތު އޮތީ ކަނޑުއަޑިން ގުޅާފައިވާ 2 ސަބްމެރިން ކޭބަލްއެވެ. މި ދެ ކޭބަލްގެވެސް ވެރިފަރާތަކީ މޯބައިލްގެ ހިދުމަތް ދޭ ދިރާގާއި އޫރީދޫއެވެ. އެހެންކަމުން އިންޓަނެޓް ނުވަތަ ވިއްކާ ޑޭޓާއަށް އަގު ކިޔަނީ އެ ދެފަރާތުންނެވެ. މި ސަރަހައްދުގެ ގައުމުތަކަށް ވުރެ ރާއްޖޭގެ އިންޓަނެޓް އަގުބޮޑުވާ މައިގަނޑު ސަބަބަކީވެސް މި ދެ ކުންފުނިން ރާއްޖެއަށް އަޅާފައިވާ ދެ ސަބްމެރިން ކޭބަލްގެ ތެރެއިން އިންޓަނެޓްގެ ހިދުމަތް ހޯދަން ޖެހުމެވެ. މިކަން މިދެންނެވި ގޮތަށް އޮއްވާވެސް ސަރުކާރުގެ ސިޔާސަތުގެ ސަބަބުން ކުރިން ދިން އަގުބޮޑު އިންޓަނެޓްގެ ހިދުމަތަށް ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އަދި އިންޓަނެޓް ދޫކުރެވޭނެ އެންމެ ދަށް ސުޕީޑުވެސް ވަނީ ބޮޑުތަނުން މަތިކޮށްފައެވެ. ނަމަވެސް ދިވެހިން އެދޭ އެންމެ ފުރިހަމަ އިންޓަނެޓާއި އަދި އެންމެ ބޭނުންވާ އަގެއް އަދި ނުލިބެއެވެ.
އިންޑިއާގެ ރިލަޔަންސް ޖިއޯ ކުންފުންޏާ ގުޅިގެން ދިވެހި ސަރުކާރުން އަޅާ ސަބްމެރިން ކޭބަލްގެ މަސައްކަތް މިހާރު ދަނީ ހިންގަމުންނެވެ. މި ފެށޭ ޖުލައި މަސްތެރޭގައި މި ސަބްމެރިން ކޭބަލްގެ ކޮޅު ހުޅުމާލެއަށް ފޯރާނެއެވެ. އަދި އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ޑޭޓާ ސެންޓަރު އިންޑިއާ-އޭޝިއާ އެކްސްޕްރެސްއާ ގުޅުވާލެވޭނެއެވެ. ހުޅަނގު ޔޫރަޕާއި މެދުއިރުމަތި އަދި އޭޝިއާގެ ގައުމުތައް ގުޅުވާލާ މި ސަބްމެރިން ކޭބަލްއަކީ ގާތްގަނޑަކަށް 19،200 ކިލޯމީޓަރުގެ ދިގު ކޭބަލްއެކެވެ. މި ކޭބަލް ގުޅާ ނިމުމުން އިންޓަނެޓްގެ އަގު ހެޔޮވާނެކަން ޔަގީނެވެ.
އެގޮތުން 80 ޑޮލަރު ދީންގެން މިހާރު ލިބޭ 1 ޖީބީގެ އިންޓަނޭޝަނަލް ޑޭޓާގެ އަގު މި އަޅާ ކޭބަލްގެ ސަބަބުން އެންމެ 20 ޑޮލަރަށް ހެޔޮވެގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ. މި ކޭބަލް ގޮސް ގުޅޭ ގައުމުގެތަކުގެ ތެރޭގައި ހިމެނެނީ މެލޭޝިއާ، ބަންގްލަދޭޝް، ސްރީ ލަންކާ، އިންޑިއާ، ޕާކިސްތާން، ސައުދީ އަރަބިއާ އަދި މިސްރެވެ.
މި ސަބްމެރިން ކޭބަލްގެ ސަބަބުން އިންޓަނެޓް އަގު ހެޔޮ ވުމުގެ އިތުރުން އިންޓަނެޓްގެ ސުޕީޑަށް އަންނަ ހެޔޮ ބަދަލަކީވެސް ފާހަގަކުރަންޖެހޭ ކަމެކެވެ. މިހާރު ރާއްޖޭގައި ހިދުމަތް ދެމުން ގެންދާ ދެ ސަބްމެރިން ކޭބަލްގެވެސް ކޮޅު ގުޅިފައިވަނީ އިންޑިއާ އަދި ސްރީ ލަންކާގެ ޓެލެކޮމްއާއެވެ. އެ ދެ ގައުމުގެ ތެރެއިން ސީދާ އެހެން ގައުމަކަށް މި ދެ ސަބްމެރިން ކޭބަލް ގުޅިފައެވެ ނުވެއެވެ.
އެހެންކަމުން އިންޓަނެޓުގެ އަސްލު ހަލުވިކަން ރާއްޖޭގެ ރައްޔިތުންނަށް އަދި ލިބޭ ގޮތެއް ނުވެއެވެ. ނަމަވެސް މި ފެށޭ ޖުލައި މަހު އޯޝަން ކަނެކްޓުން ރާއްޖެއާ ގުޅުވާލާ ސަބްމެރިން ކޭބަލް ގުޅުމާއެކު ބޮޑު ބަދަލެއް އަންނާނެއެވެ. އެގޮތުން ބޭރުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގައި ޑޭޓާ ސެންޓަރުތައް ގާއިމުކޮށް ހިދުމަތް ދިނުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން އިއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ރާއްޖޭގެ އައިޓީ ދާއިރާ ކުރިއެރުވުމަށް ކުރާނެ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައެވެ. އެގޮތުން ފްރާންސްގެ މާސޭއާއި ސިންގަޕޫރާ ދެމެދު އަޅާ ސަބްމެރިން ކޭބަލް ރާއްޖެއާ ގުޅާލުމަށް ފަހު އިންޓަނެޓުގެ ސްޕީޑާއި އަގަށް އިންގިލާބީ ހެޔޮ ބަދަލުތަކެއް ގެންނާނެކަން ވަނީ އިއުލާންކޮށްފައެވެ. އަދި މި އަހަރަކީ ޑިޖިޓަލް އައިޑީ ކާޑުގެ އިތުރުން ގައުމީ ޕޭމަންޓްގޭޓްވޭ އަދި ޑިޖިޓަލް ލައިސަންސްވެސް ދިވެހިންނަށް ލިބިގެންދާނެ އަހަރުކަން ފާހަގަކުރެއްވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު